ރަސޫލް (ޞޢވ) ގެ މަންމާފުޅު އަވަހާރަވުމުން ލިބިވަޑައިގެންނެވި ވޭން އަބަދުވެސް ހަނދުމަފުޅު ކުރެއްވެވި! އަހަރެމެންނަށް އެކަން ކުރެވޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ރަސޫލް (ޞޢވ) ގެ މަންމާފުޅު އަވަހާރަވުމުން ލިބިވަޑައިގެންނެވި ވޭން އަބަދުވެސް ހަނދުމަފުޅު ކުރެއްވެވި! އަހަރެމެންނަށް އެކަން ކުރެވޭތަ؟

އަހަރެމެންގެ ތެރެއިން އެތައް ބައަކީވެސް ކުޑައިރު މައިން ބަފައިން ނިޔާވެފައިވާ މީހުންނެވެ. އެކަމުގެ ވޭން އުފުލާފައިވާ މީހުންނެވެ. ސުވާލަކީ ބޮޑުވުމުން އެކަން ހަނދާންހުރޭ ހެއްޔެވެ؟ އެދުވަހު ތިމާއަށް ކުރި އަސަރު މިއަދު ހަނދާން ހުރޭ ހެއްޔެވެ؟ އެމީހަކަށް ލިބުނު ނިކަމެތިކަމާއި އުޅެން ޖެހުނު ނިކަމެތި ޙާލު ހަނދާން ހުރޭ ހެއްޔެވެ؟

އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު (ޞޢވ) ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެކުރިން ބައްޕާފުޅު ޢަބްދުﷲގެފާނު ވަނީ އަވަހާރަވެފައެވެ. ދުނިޔޭގައި ހުންނެވީ މަންމާފުޅު އައިމިނަތުގެފާނެވެ. އާމިނަތުގެފާނުގެފާނު އަވަހާރަވީ ރަސޫލް (ޞޢވ)ގެ ޢުމުރުފުޅުން އެންމެ 6 އަހަރުފުޅުގައި ރަސޫލް (ޞޢވ)ގެ ކުރިފުޅުމަތީގައެވެ. ކީރިތި ކުރައްވަވައި މި އަވަހާރަވަނީ ކަމަށް ވިދާޅުވެ ދަރިކަލުން ބަލަހައްޓަވައި ދެއްވެވުމަށް ވަޞިއްޔަތް ކުރެއްވެވީވެސް ރަސޫލް (ޞޢވ)ގެ ކުރިފުޅުމަތީގައެވެ.

އަވަހާރަވުމުން ވެސް ރަސޫލް (ޞޢވ)، މަންމާފުޅަށް ގޮވައިލައްވަވައި ހެއްދެވިއެވެ. އެއިރުވެސް އެކަމަނާގެ ދެލޯފުޅު ވަނީ ހުޅުވިގެންނެވެ. އޮންނެވީ މައްޗަށް ބައްލަވާށެވެ! އެއްވެސް ޖަވާބެއް ލިބިވަޑައިނުގަތުމުން މައިކަމަނާގެ މޭފުޅުމަތީގައި އޮންނަވައި ކީރިތި ކުރެއްވެވިއެވެ. އިންތިހާއަށް ކަރުނަފޮދު އެޅުއްވެވިއެވެ.

ރަސޫލް (ޞޢވ) ބޮޑުފުޅުވުމުން ވެސް އެދުވަސްމަތިން އަބަދުވެސް ހަނދުމަފުޅު ކުރެއްވެވިއެވެ. ޔަތީމަކު، މިސްކީނަކު ފެނިވަޑައިގެންފިނަމަ އެމީހަކަށް އެހީތެރިވެވަޑައިގެން ދެއްވެވުމަށް އަމިއްލަފުޅަށް އިސްނަންގަވައެވެ. އެފަހަރަކު ކޮށް ދެއްވެވެން އޮތް ކޮންމެ ކަމެއް ގެންދެވީ ކޮށް ދެއްވަވަމުންނެވެ.

ހިތާމައަކީ މިކަންކަމުން އަހަރެމެންނަށް ޢިބްރަތް ޙާޞިލު ނުކުރެވޭ ކަމެވެ. ތިމާއަށް އުފުލަން ޖެހުނު ވޭންތައް ހަނދާން ނައްތައިލާ ކަމެވެ. ޔަތީމުންނާއި މިސްކީނުން ހޯދަން މިއަދު އުޅޭކަށްވެސް ނުޖެހެއެވެ. އެފަދަ މީހުން ތިބޭ މަރުކަޒުތައްވެސް އެބަހުއްޓެވެ. އެއިން ތަނަކަށް ގޮސް އެންމެ ކުޑަމިނުން އެއިން މީހަކާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލަނީ ކިތައް މީހުން ހެއްޔެވެ؟ އެފަދަ ކުޑަކުދިން ބަލަހައްޓާ ތަނަކަށް ގޮސް އެހީތެރިކަމެއް ފޯރުކޮށްދެނީ ކިތައް މީހުން ހެއްޔެވެ؟

މީސްތަކުންނޭވެ! ނަމާދުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ފަރުޟު 5 ނަމާދަށް ރައްކައުތެރި ނުވެ އާޚިރަތެއް ނުލިބޭނެއެވެ. ނަމާދުކުރުމާއިއެކުވެސް މިފަދަ މުހިންމު އަޅުކަމަށް ސަމާލުކަން ދޭށެވެ. ރަސޫލް (ޞޢވ) މީސްތަކުންނަށް ނަމޫނާ ދައްކަވައި ދެއްވަވާފައިވާ ކޮންމެ ކަމެއްގައި ހިފަހައްޓަން ގަދައަޅައި މަސައްކަތްކުރާށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން