ނޮވެމްބަރު 3، 1988 ގައި ބޭރުގެ ސިފައިންނާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީ ލަންކާގައި ފިލައިގެން އުޅުމަށްފަހު އަމާންދީ ލަންކާގައި ހުރި ދިވެހި އެމްބަސީއާ ހަވާލުވުމުން އޭނާ ބަހައްޓާފައިވަނީ ވީއައިޕީ ކޮޓަރިއެއްގައި ކަމަށް ކަމާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެންވިދާޅުވީ ލުތުފީ ރާއްޖެ ގެނައުމުގައި ލަސްވަމުންދާތީ އިދިކޮޅު ޕީއެންސީގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުންނެވެ.
ސައީދު ވިދާޅުވީ ދެމަސް ދުވަސް ވަންދެން ލުތުފީ އެމްބަސީގައި ގެންގުޅެފައިވަނީ ވީއައިޕީ ކޮޓަރިއެއް ގައި ކަމަށާއި މިސަރުކާރުން ލުތުފީ ރާއްޖެ ގެނެސް ހުކުމް ތަންފީޒުނުކޮށް ފިލި ދުވަސްތަކަށް އަދަބު ދިނުމުގެ ގޮތުން ބާކީބައި ތަންފީޒު ކުރުވަން ޖެހޭ ކަމަށެވެ.
ލުތުފީ ވަނީ 2010 ވަނަ އަހަރު ބޭސް ފަރުވާއަކަށް ލަންކާއަށް ފޮނުވުމުން ފިލާފައެވެ.