ދުނިޔޭގަ ބައިވެރިޔާގެ ސިފަ ބަދަލުވާތީ ކަންބޮޑުވާނެކަމެއް ނެތް! - ސުވަރުގެއިން ލިބޭ ބައިވެރިޔާ އަބަދުވެސް އަންނާނީ ޒުވާންވަމުން!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ދުނިޔޭގަ ބައިވެރިޔާގެ ސިފަ ބަދަލުވާތީ ކަންބޮޑުވާނެކަމެއް ނެތް! - ސުވަރުގެއިން ލިބޭ ބައިވެރިޔާ އަބަދުވެސް އަންނާނީ ޒުވާންވަމުން!: ބިލާލް އައްސަދު

ކޮންމެ މީހަކުވެސް ސުވަރުގޭގައި ވާހުށީ ބައިވެރިއަކާއިއެކުގައެވެ. މާނައަކީ ކޮންމެ މީހަކުވެސް ސުވަރުގެ ވައްދަވާނީ އަންތބަކާއި ނުވަތަ ފިރިުއަކާއިއެކުގައި ކަމެވެ. އާދަމްގެ ފާނު ސުވަރުގެ ވެއްދެވީވެސް ހައްވާގެފާނާއިއެކުގައެވެ. ވީމާ ސުވަރުގޭގައި އެއްވެސް މީހަކު އެކަންޏެއް ނުވަތަ ބައިވެރިއަކާއި ނުލައެއް ނުހުންނާނެއެވެ. 

ސުވަރުގޭގައި ބައިވެރިއަކު ދެއްވަވާނީ ކިހިނަކުންކަމެއް ނުއެނގެނެއެވެ. އެމީހަކީ ދުނިޔޭގައި ތިމާ އެންމެ ލޯބިން ކައިވެނިކޮށްގެން އެކުގައި އުޅުނު މީހާ ކަމުގައިވެސް ވެދާނެއެވެ. ނުވަތަ ދުނިޔޭގައި އެމީހަކު ދެކެ ލޯބިވީ ނަމަވެސް ކައިވެނި ނުކުރެވިވާ މީހެއް ކަމުގައިވެސް ވެދާނެއެވެ. ﷲ ތަޢާލާ ދެއްވަވާ ބައިވެރިއެއް ކަމަށްވެސް ވެދާނެއެވެ. މިއިން ކޮންމެ ގޮތަކުން ނަމަވެސް ކޮންމެ މީހަކަށްވެސް ބައިވެރިއަކު ވާނެއެވެ. 

ބައެއް މީހުން ކުރާ ސުވާލެކެވެ. ސުވަރުގޭގައި ތިބޭއިރު ބައިވެރިން ބަދަލުކުރެވޭނެ ހެއްޔެވެ؟ ސުވަރުގޭގައި ތިބޭއިރު ހަމަ އެކަކުވެސް ބައިވެރިން ބަދަލުކުރަން ބޭނުމެއް ނުވާނެއެވެ. އެހެނީ ސުވަރުގޭގައި ތިބޭއިރު ބައިވެރިޔާ އަބަދުވެސް ފެންނާނީ ކުރިއަށްވުރެ ރީތިވެފައި ޒުވާންވެފައި ހުއްޓައެވެ. އެހެންވެ ފިރިހެނުން އެމީހުންގެ އަނބިންނަށް ބުނާނެއެވެ. "އެންމެފަހުން ފެނުނުއިރަށްވުރެ ތިބާ މިހާރު މާރިތިވެފައި މާ ޒުވާނެވެ." ޖަވާބުގައި އަނބިންވެސް ހަމަ އެފަދައިން ބުނާނެއެވެ. 

ދުނިޔޭގައި ތިބޭއިރު އުމުރުން ދުވަސްވާ ވަރަކަށް މީހާ މިދަނީ މުސްކުޅިވަމުންނެވެ. ޒުވާންކަން ގެއްލި ސިފަ ބަދަލުވަމުންނެވެ. ނަމަވެސް ސުވަރުގޭގައި އެކަން ހިނގާނީ އެގޮތަކަށް ނޫނެވެ. ދުވަހެއް ދުވަހަކަށް ދާނީ ޒުވާންވަމުންނެވެ. މިއީ ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުން އެނގެން ހުރި ކަންކަމެވެ. 

ވީމާ އަހަރެމެންގެ އެންމެ ބޮޑު މަޤްޞަދަކަށް ހަދަންވީ ސުވަރުގެލިބޭތޯ ގަދައަޅައި މަސައްކަތްކުރުމެވެ. ޙަޤީޤީ އުފާވެރިކަން ނިމުމެއް ނެތް ގޮތުގައި ލިބެން އޮތީ ސުވަރުގެ ލިބިގެން ކަމަށްވާތީއެވެ. އެހެންކަމުން ބަލަންވީ ދުނިޔޭގައި ދެމަފިރިންގެ ސިފައަށް އަންނަ ބަދަލުތަކެއް ނޫނެވެ. ކަންބޮޑުވާންވީ އަނބިމީހާ ނުވަތަ ފިރިމީހާ މުސްކުޅިވުމުން ނުވަތަ ބައްޔެއްގެ ސަބަބުން ސިފައަށް އަންނަ ބަދަލަކަށް ނޫނެވެ. އުންމީދުކުރަންވީ ސުވަރުގެއިން ލިބޭނެ އަބަދުވެސް ޒުވާން ވަމުން އަންނަ ބައިވެރިޔާއަށެވެ. 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން