ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ލިބިގެންދާނެ 4 މީހަކުވެއެވެ.
ފުރަތަމަ މީހަކީ "ﷲ ތައާލާއަށްޓަކައި އެހެން މީހަކު ދެކެ ލޯބިވާ މީހެކެވެ." އެއްވެސް މީހަކު ﷲ ތައާލާއަށްޓަކައި މީހަކު ދެކެ ލޯބިވެއްޖެ ނަމަ އެމީހަކު ދެކެ ލޯބިވެވޮޑިގަތުން ﷲ ތައާލާ ވަނީ އެކަލާނގެ ޒާތުފުޅަށް ވާޖިބު ކުރައްވަވައިފައެވެ.
މިޙަދީޘްފުޅުގައި މިވަނީ ތަޤްވާވެރިންގެ ވާހަކައެވެ. ހެޔޮ އަމަލުތައް ކުރާ މީހުންގެ ވާހަކައެވެ. އެފަދަ މީހުން ދެކެ ލޯބިވުމުގެ ވާހަކައެވެ. ހަމައެއާއިއެކު އެއްވެސް މީހެއްގެ ކިބައިން ލިބޭ ނުވަތަ ލިބިދޭނެ ފައިދާއަކަށްޓަކައި ލޯބިވުމުގެ ވާހަކައެއް ނޫނެވެ. ހިތުގެ ޚާލިޞްކަމާއިއެކު ﷲ ތައާލާއަށްޓަކައި ހެޔޮލަފާ، ތަޤްވާވެރިއަކު ދެކެ ލޯބިވުމުގެ ވާހަކައެވެ.
ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ލިބޭނެ ދެވަނަ މީހަކީ ﷲ ތަޢާލާއަށްޓަކައި މަޖިލިސް ކުރާ މީހުންނެވެ.
މިއީ ސިޔާސީ ބައްދަލުވުންތަކެއް ނޫނެވެ. ވިޔަފާރީގެ ބައްދަލުވުންތަކެއް ނޫނެވެ. އަދި އިޖުތިމާޢީ ބައްދަލުވުންތަކެއްވެސް ނޫނެވެ. ﷲ ތައާލާއަށް ޚާއްޞަކޮށްގެން މަޖިލިސްކުރާ މީހުންނެވެ.
ޢުމަރުގެފާނުގެ ވެރިކަމުގައި ދައުލަތުގެ މަސައްކަތްތައް ނިންމަވައިލެއްވެވުމަށްފަހު ހެޔޮލަފާ މީހުން އެއްކުރައްވައި މަޖިލިސް ކުރެއްވެވިއެވެ. ﷲ ތައާލާގެ މަތިން ހަނދުމަފުޅުކުރެއްވެވުމަށެވެ. ﷲ ތާޢާލާގެ ލޯބިވެވޮޑިގަތުން ޙައްޤުވާ ބއަކީ އެފަދަ މަޖިލިސްތައް ކުރާ މީހުންނެވެ.
ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ލިބޭނެ 3 ވަނަ މީހަކީ ﷲ ތަޢާލާއަށްޓަކައި މީހުންނާއި ބައްދަލުކުރާ މީހެކެވެ. އެމީހާގެ ހިތުގައި ދުނިޔޭގެ އެއްވެސް އެދުމެއް އަނެކާގެ ކިބައިން ލިބުމަށް އޮވެގެން ނުވާނެއެވެ. ބައްދަލުކޮށް ޙާލުބަލައި ހަދަން ޖެހޭނީ ﷲ ތައާލާއަށްޓަކައެވެ. ﷲ ތައާލާއަށް ލޯބިންނެވެ.
ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ލިބޭނެ 4 ވަނަ މީހަކީ ﷲ ތަޢާލާއަށްޓަކައި ހޭދަކުރާ މީހުންނެވެ.
މިބައިގައި ހިމެނެނީ ހަމައެކަނި ފައިސާ އާއި މުދަލުން ހޭދަކުރާ މީހުންނެއް ނޫނެވެ. އެމީހާގެ ވަގުތު ހޭދަކުރާ މީހުންވެސް ހިމެނެއެވެ. ﷲ ތައާލާއަށް ލޯބިން މީހަކަށްޓަކައި ކުޑަކުޑަ ކަމެއް ކޮށްލައިދޭ މީހާގެ މުހިންމުކަން މިސްކިތުގައި އިޢްތިކާފަށް އިންނަ މީހާއަށްވުރެ މާ ބޮޑުކަމަށް ރަސޫލް (ޞޢވ) ކުރައްވަވާފައިވާ ޙަދީޘްފުޅު މިކަމުގެ ދަލީލަކަށް ފުދެއެވެ.
މީސްތަކުންނޭވެ! މި 4 ސިފައިން ސިފައެއް ތިމާގެ ކިބައިގައި ހަރުލެއްވޭތޯ ބަލާށެވެ! އެކަމަސްޓަކައި ގަދައަޅައި މަސައްކަތްކުރާށެވެ! އެމީހާއަށް ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ލިބިގެންދާނެއެވެ! ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ލިބިއްޖެ މީހަކަށް މަދުވާނީ ކޮން ކަމެއް ހެއްޔެވެ؟
- ޝައިޚް ސަޢީދު ރާޣެ ގެ ދަރުސަކުން