މީސްތަކުން ޖަމާއަތަށް ނަމާދަށް ނުދަނީ އާމްދަނީ ހޯދަން މަސައްކަތްކުރަންވެގެންނެވެ. ހުކުރު ދުވަހު ހުކުރަށް ނުދަނީ ނުވަތަ ހުކުރު ނަމާދަށް ފަށަންވާއިރަށް މިސްކިތަށް ދަނީ ވެސް ރިޒްޤް ހޯދަން މަސައްކަތުގައި އުޅެން ހަދައިގެންނެވެ.
ނަމަވެސް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ މީހާގެ ރިޒްޤް ވަނީ މިދުނިޔޭގައި ނޫން ކަމަށެވެ. ރިޒްޤް ވަނީ އުޑުގައި ކަމަށެވެ. މީހާއަށް ލިބެނީ ﷲ ތަޢާލާ މިންވަރުފުޅު ކުރެއްވެވި ވަރެއް ކަމަށެވެ.
މީސްތަކުންނޭވެ! އެހެން މީހެއްގެ ދޫ ބުރިކޮށްލައިގެން މީހަކަށް ވާހަކަ ދެއްކިދާނެ ހެއްޔެވެ؟ ނުދެއްކޭނެއެވެ. އެމީހަކަށް ވާހަކަ ދެއްކޭނީ ހަމައެކަނި އެމީހާއަށް ﷲ ތައާލާ ދެއްވެވި ދުލުންނެވެ. ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް ރިޒްޤް ލިބޭނީ އެމީހަކަށް ﷲ ތަޢާލާ ދެއްވެވި މިންވަރަކަށެވެ.
ކޮންމެ މީހަކުވެސް މަރުވާނީ އެމީހަކަށް ދުނިޔޭގައި ލިބެން ﷲ ތައާލާ ކަނޑައަޅުއްވަވާފައިވާ ރިޒްޤް ހަމައަށް ލިބުމަށްފަހުގައެވެ. ވީމާ އެދުވަހު ލިބުނު މިންވަރަށް މަދުވެގެން ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ. ވީމާ ރިޒްޤް ހޯދަން ކުރާ މަސައްކަތަކީ ހަމައެކަނި ދުނިޔަވީ މަސައްކަތް ކަމުގައި ދެކެގެން ކާމިޔާބެއް ނުވާނެއެވެ. ފުރަތަމަ މަސައްކަތްކަށް ހަދަން ޖެހޭނީ ﷲ ތައާލާގެ ޙައްޤުތައް ފުރިހަމައަށް އަދާކުރުމެވެ. ދުނިޔަވީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން ގެންނަން ޖެހޭނީ އެއިގެ ފަހަތުންނެވެ. އެހެނީ ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް ލިބޭނީ ﷲ ތަޢާލާ މިންވަރުފުޅު ކުރެއްވެވި ވަރަކަށް ކަމުގައިވާތީއެވެ.
މީސްތަކުންނޭވެ ދުނިޔެ ހޯދަން މަސައްކަތްކުރި އެއްވެސް މީހަކަށް އެކަން ކާމިޔާބުކުރެވިފައެއް ނުވެއެވެ. ފިރުއަޢުނާއި ޤާރޫނާއި ނަމްރޫޛަށް ލިބުނީ ކޮން ކާމިޔާބީއެއް ހެއްޔެވެ؟ ނަމަވެސް ޢަބްދުއްރަޙްމާން ބިން އަޢްފަށް ދެއްވެވި ކުރިއެރުމާއިމެދު ވިސްނާށެވެ! އޭނާގެ މަންމަ އަކީ ވަރަށް މުއްސަނދި އަންހެނެކެވެ. ނަމަވެސް އިސްލާމްވެ މަދީނާއަށް ހިޖުރަކުރައްވައިފިނަމަ އެންމެ ދިރިހަމެއްވެސް ނުދޭނެ ކަމަށް މައިމީހާ ބުނުމުން ޢަބްދުއްރަޙްމާން ބުނި އަޢްފް ވިދާޅުވީ ތިމަން ކަލޭގެފާނަށް ﷲ ތަޢާލާ އިން ފުދިވަޑައިގަންނަވާ ކަމަށެވެ.
މަދީނާއަށް ވަޑައިގަތުމުން އަޚް ކުރެއްވުނީ މުއްސަނދި ބޭކަލަކާއިއެވެ. އޭނާގެ ފިހާރައެއް ދެއްވާނެ ކަމަށް ވިދާޅުވުމުން އެކަން ޤަބޫލުފުޅު ނުކުރައްވައި އަތްޕުޅުގައި އޮތް 4 ދީނާރު ހިއްޕަވައިގެން މާރުކޭޓަށް ވަޑައިގެން ވިޔަފާރިކުރައްވަވައި އެންމެ ބޮޑެތި މުއްސަނދިންގެތެރޭގައި ހިމެނިވަޑައިގެންނެވިއެވެ. ﷲ ތަޢާލާ އަށް ކުރެއްވެވި އިތުބާރުގެ ސަބަބުން ތަނަވަސްކަން ދެއްވެވީއެވެ.
މީސްތަކުންނޭވެ! މިވާހަކަތައް ވަރަށް ގިނަ ދަރުސްތަކުގައި ދައްކަމެވެ. އެހައި ގިނައިން ދައްކަން ޖެހެނީ މިކަމަށް މީސްތަކުންގެ ސަމާލުކަން ބޭނުންވާތީއެވެ! ރިޒްޤް އިތުރުކުރަން ބޭނުންވާ މީހާ އަމަލުކުރަން ޖެހޭ ގޮތް ގިނަ ބައަކު ހަނދާން ނުކުރާތީއެވެ! މީސްތަކުންނޭވެ! ރިޒްޤް އިތުރުކުރަން ބޭނުންވާނަމަ ނަމާދުތަކަށް ރައްކައުތެރިވާށެވެ! ޖަމާއަތުގައި ނަމާދުކުރަން ސަމާލުކަން ދޭށެވެ! ކުރިއާލައި ހުކުރަށް ދާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން