ފަރުޟު 5 ނަމާދު ފުރިހަމައަށް އަދާކުރާ މީހާގެ ފާފަތައް ފުއްސަވައިދެއްވަވާނެ ކަމަށް އޮތުމުންނާއި އެމީހާ އެދޭ އެދުންތައް ފުރިހަމަކޮށް ދެއްވަވާނެ ކަމަށް އޮތުމުން ގިނަ ބައަކު އުފާ ކުރެއެވެ. އަދި ﷲ ތައާލާގެ ޙަޟްރަތުން ކަންކަމަށްވެސް އެދެއެވެ. ކަންކަން ނުފުދި ލަސްވުމުން ޝަކުވާވެސް ކުރެއެވެ.
ސުވާލަކީ ޝަކުވާކުރާ މީހުން އެމީހުން ނަމާދުކުރާ ގޮތާއިމެދު އެންމެ ފަހަރަކުވެސް ވިސްނައިލާބާވައެވެ! އެމީހުންކުރާ ނަމާދު ނަމާދަކަށް ހަދަން މަސައްކަތްކުރަނީ ކިހައިވަރަކަށްބާވައެވެ! ޝަކުވާ ކުރުމުގެ ކުރިން މިކަންކަމަށް ވިސްނައިލަން ޖެހޭނެއެވެ. އެހެނީ ނަމާދު ނަމާދަކަށް ވާނީ ނަމާދުކުރަން ރަސޫލް (ޞޢވ) ދަސްކޮށް ދެއްވަވާފައިވާ ގޮތަށް ނަމާދުކުރުމުން ކަމަށްވާތީއެވެ.
"رحمن ވަންތަ رحيم ވަންތަ اللَّه ގެ اسم ފުޅުން ފަށައިގަންނަމެވެ. حمد ހުރީ، عالم ތަކުގެ ވެރި اللَّه އަށެވެ. (އެކަލާނގެއީ) رحمن ވަންތަ رحيم ވަންތަ ރަސްކަލާނގެއެވެ. قيامة ދުވަހުގެ ވެރި ރަސްކަލާނގެއެވެ. އަޅަމެން އަޅުކަންކުރަނީ، އިނބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، އިނބަރަސްކަލާނގެ حضرة ންނެވެ. އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ! (އެއީ) އެއުރެންނަށް އިނބަރަސްކަލާނގެ نعمة ދެއްވި މީހުންގެ މަގެވެ. އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ."
މިއީ ކޮންމެ ނަމާދެއްގައި އަހަރެމެން މިކިޔާ ސޫރަތުލްފާތިޙާއެވެ. ނުވަތަ އަލްޙަމްދުއެވެ. ކޮންފަދަ ރިވެތި އަދި ކޮންފަދަ ފުރިހަމަ ޢިބާރާތްތަކެއްތޯއެވެ؟ ނަމަވެސް ނަމާދުގެ 4 ރަކްޢަތްކޮށް ނިމޭއިރު މިފަދަ ޢިބާރާތްތަކެއް ދުލުން ކިޔުނުކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟
މީސްތަކުންނޭވެ! ނަމާދުގައި ފުރިހަމައަށް ޚުޝޫޢަތްތެރި ނުވެވޭތީ ބައެއް މީހުން ވަރަށް ބޮޑަށް ކަންބޮޑުވެއެވެ. ނަމާދުގައި އެންމެ ފުރިހަމައަށް ޚުޝޫޢަތްތެރި ނުވެވިދާނެއެވެ. ނަމާދަށް ހުއްޓައި ދުނިޔަވީ ކަންކަން މަތިން ހިތަށް އަރައިފާނެއެވެ. އެއީ ޝައިޠާނާ އެކަން އެގޮތަށް މެދުވެރިކުރުވާތީއެވެ. އެފަދަ ގޮތެއް މެދުވެރިވި ނަމަވެސް މާޔޫސްވެ ނަމާދަށް ފަރުވާ ކުޑަނުކުރާށެވެ! އެކަން އިޙްޞާޞް ކުރެވޭ ހިސާބުން އަވަހަށް ޚުޝޫޢަތްތެރިވާން މަސައްކަތްކުރަން ފަށާށެވެ! އެގޮތަށް މަސައްކަތްކުރަން ފަށާނަމަ އިބިލީސް މާޔޫސްވާނެއެވެ. އިބިލީހުގެ އުނދަގޫތައް ކުޑަވާން ފަށާނެއެވެ.
މީހަކު ބުނެފައިވެއެވެ. އޭނާއަށް ނަމާދުގައި ހަމަ އިބިލީސް އުނދަގޫކުރަނީއެވެ. ރަވާތިބު ސުންނަތް ކުރަން ފެށި ނަމަވެސް އައިސް ހަމަ ތަފާތު ވަސްވާސްދެނީއެވެ. އެކަމަށް ޙައްލެއް ފެނުނީ އެފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ އިތުރު 2 ރަކްޢަތް ކުރަން ފެށުމުންނެވެ. ފަހުން ކުރާ 2 ރަކްޢަތުގައި އިތުރަށް ސަމާލުކަން ދޭން ފެށުމުންނެވެ.
މިކަމުން ވެސް އެނގެނީ މީހަކު ޚުޝޫޢަތްތެރިވާން މަސައްކަތްކޮށްފިނަމަ އެމީހަކަށް ﷲ ތަޢާލާ މަގުފަހިކޮށްދެއްވަވާނެ ކަމެވެ. އެމީހަކަށް ހިތްވަރު ދެއްވަވާނެ ކަމެވެ. ﷲ ތަޢާލާއަށް އިތުރު ނަމާދުކޮށް ސަޖިދަކުރުން ގިނަ ކުރުމަކީ އިބިލީސް އެންމެ ބޮޑަށް މާޔޫސްވާނެ ކަންތަކެވެ. ވީމާ އިތުރު ސަޖިދަ ކުރިއަ ނުދިނުމަށްވެސް އެމީހާގެ ނަމާދު ފުރިހަމަކުރުމުގެ ފުރުޞަތު އިބިލީސް ދޭނެއެވެ. އަދި އިބިލީސް އަމިއްލައަށްވެސް އެކަމަށް ބާރުއަޅާނެއެވެ! މާނައަކީ ކުރާ ނަމާދު ފުރިހަމަކުރަން ބާރުއަޅާނެ ކަމެވެ.
އަހަރެމެން ލޯބިވެރިއަކާއި ބައްދަލުކުރަން 10 މިނިޓް އިރަށް ހިނގައްޖެނަމަ 2 ގަޑިއިރުވެސް އޮންނަނީ މަދުވެފައެވެ. ނަމަވެސް އަހަރެމެން އެންމެން އެފަރާތަކަށް އެންމެ ލޯބިކުރަން ޖެހޭ ﷲ ތައާލާއަށް އަޅުކަންކުރަން، ނަމާދުކުރަން މިސްކިތަށް އަރައިފިނަމަ އިމާމް މީހާ ސަލާމް ދިނުމާިއެކު އޮންނަނީ މިސްކިތުން ފައިބަން ލަސްވެފައެވެ. ވީއިރު ﷲ ތައާލާއަށް ލޯބިވެވެވެނީ ކިހައިވަރަކަށް ހެއްޔެވެ؟
- މުފްތީ މެންކުގެ ދަރުސަކުން