ތިމާ އެދޭ ޙާޞިލު ނުވުމުން އެކަމާއި ދެރަވެ އަތް އުރައިލުމެއް ނެތެވެ. އަދި އެކަމަށް އެދި އިތުރަށް މަސައްކަތް ނުކޮށް ހުރުމެއްވެސް ނެތެވެ. އެކަމަށްޓަކައި ﷲ ތައާލާއަށް ދެ ފަހަރަށް ޝުކުރު އަދާކުރާށެވެ!
މީހަކު ވަޒީފާއެއް ބޭނުން ވެގެން 2، 3، 4 ތަނަކަށް ސީވީ ފޮނުވައިފާނެއެވެ. ދިރިއުޅޭނެ ފްލެޓެއް ހޯދަން 4،5 ތަނަކުން މަސައްކަތްކޮށްފާނެއެވެ. ނަމަވެސް ލިބޭނެ ގޮތެއް ނުވެދާނެއެވެ. އެ ހާލަތުގައި ޔަޤީން ކުރަންވީ ކަމަކީ އެކަން ތިމާއަށް ޙާޞިލުވުމަށް ﷲ ތައާލާ މިންވަރުފުޅު ކުރައްވަވާފައިވާ ވަގުތު އައިސް ޖެހުމުން އެކަން ފުރިހަމަވާނެ ކަމެވެ. އަދި ފުރިހަމަވާއިރު ފުރިހަމަވާނީ އުންމީދުކުރި ކުރި ގޮތަށްވުރެވެސް މާބޮޑަށް ފުރިހަމައަށް ކަމެވެ.
ނަމަވެސް މީގެ މާނައަކީ 2،3 ތަނަށް ސީވީ ފޮނުވުމުން ވަޒީފާ ނުލިބުނީމާ ﷲ ތައާލާ ވަޒީފާއެއް ހަމަޖައްސަވައިދެއްވަވާނެ ކަމަށް ބަލައި އެކަމުގެ އިންތިޒާރުގައި އަތް އުރާލައިގެން ހުރުމެއް ނޫނެވެ. ތިމާ ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރަން ސަބަބުތަކުގައި ހިފައިގެން ހުރެ ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.
އަބަދުވެސް ބުނާ މީހަކު ކަމެއް ބޭނުންވެގެން ކިތަންމެ އަވަސް އަރައިގެން އުޅުނު ނަމަވެސް އެމީހަކަށް އެކަމެއް ލިބުމަށް އެންމެ ރަނގަޅު ވަގުތު ދެނެވޮޑިގެންވަނީ ﷲ ތައާލާއެވެ. ވީމާ އެދޭ ކަމެއް ޙާޞިލުނުވެ ލަސްވަމުން ދަނީ ތިމާއަށް ރަނގަޅަކަށްކަން ޔަޤީން ކުރާށެވެ! އެ ޔަޤީންކަމުގައި ހުންނަ މީހަކު މާޔޫސްވާކަށް ނުޖެހޭނެއެވެ.
މިހެން ބުނުމުން ބައެއް މީހުން ބުނެފާނެއެވެ. މިވެނި މީހަކު މަރުވެ ދިއައިރުވެސް އެމީހާ އެންމެ ބޭނުންވި ކަންތައް ޙާޞިލެއް ނުކުރެވެއެވެ. އެއީވެސް ހަމަ މެދުވެރިވެދާނެ ގޮތެކެވެ. ޔަޤީންކުރަންވީ އެކަން ޙާޞިލު ނުވހަކަށް ެ އެދިއައީ އޭނާއަށް ރަނގަޅަކަށް ކަމެވެ. އެކަން އެމީހަކަށް ޙާޞިލުވުމަށްވުރެ ނުވުން އެމީހަކަށް ފައިދާ ބޮޑުވީމައެވެ. އެކަން އެމީހާއަށް ނުއެނގެނީއެވެ. ނަމަވެސް ﷲ ތަޢާލާ ހުރިހާ އެންމެންގެ ހުރިހާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން