ރަސޫލް (ޞޢވ) އާ ޞަހާބީންނާ އިސްލާމީ ސިޔަރަތުގެ މައްޗަށް ދަރިންގެ ހިތްތަކުގައި ލޯބި އުފައްދަން މިކަން މިގޮތަށް ކޮށްބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ރަސޫލް (ޞޢވ) އާ ޞަހާބީންނާ އިސްލާމީ ސިޔަރަތުގެ މައްޗަށް ދަރިންގެ ހިތްތަކުގައި ލޯބި އުފައްދަން މިކަން މިގޮތަށް ކޮށްބަލާށެވެ!

ފުރަތަމަ ކަމަކީ ކުދިންގެ އުމުރާއި ގުޅޭ ގޮތުން އިސްލާމީ ވާހަކަތައް އެކުދިންނަށް ކިޔައިދިނުމެވެ.  ރަސޫލް (ޞޢވ)ގެ ސިޔަރަތާއި ޞަހާބީންގެ ވާހަކަތަކާއި އިސްލާމީ ސިޔަރަތުގެ ވާހަކަތައް ކުދިންނަށް ކިޔައިދޭށެވެ. ކިޔައިދި ނިމުމުން ކިޔައިދިން ވާހަކަ ކުދިންނަށް އެނގުނުތޯ ބަލަން ސުވާލުކުރަންވާނެއެވެ. 

ދެން ހަފްތާއެއް ނުވަތަ 2 ހަފްތާ ވަންދެން އެވާހަކަ ނުދައްކާށެވެ! އެއަށްފަހު މަންމަ ނުވަތަ ބައްޕަ ކުރީ ދުވަހަކު ކިޔައިދިން މިވެނި ވާހަކަ ހަނދާން އެބަހުރިތޯ ސުވާލުކުރާށެވެ! ފަހަރެއްގައި ހަނދާނުގައި ނުހުރެދާނެއެވެ. އަލުން ތާޒާކޮށްލާށެވެ! އަދި ދަރިފުޅު ލައްވައި ތިމާ އާއިވެސް ސުވާލުކުރުވާށެވެ! މިކަންކަން ކުރަންވާނީ ވަރަށް ލޯބިންނެވެ. ދަރިފުޅު ޝައުޤްވެރިވާނެ ގޮތަކަށެވެ. 

ދީނީ ދަރުސްތަކަށް ކުދިން ގެންދަންވާނެއެވެ. ދަރުސް ނިމިގެން އައިސް ދަރުސްގެ މުހިންމު ނުކުތާތަކުގެ ވާހަކަ ދައްކަންވާނެއެވެ. އެއަށްފަހު ކުރިން ބުނިފަދައިން ދުވަސްކޮޅެއް ކޮށްލާފައި ދަރުސްގެ ފިލާވަޅު ހަނދާންހުރިތޯ ބަލަން ކުދިންނާއި ސުވާލުކުރަންވާނެއެވެ. 

މިސާލަކަށް ރޯދައިގެ ވާހަކަތައް ކިޔައިދޭށެވެ! ރޯދަވެރިންނަށް ޚާއްޞަ ދޮރުކޮޅެއް ސުވަރުގޭގައި ހުންނަ ވާހަކަވެސް ބުނާށެވެ! އެދޮރުކޮޅުގެ ނަމަކީ ރައްޔާން ކަމުގައިވެސް ބުނާށެވެ! ރޯދައިގެ މަތިވެރިކަން ބޮޑުކަމުން ރޯދައަށް ސަވާބު ދެއްވަވާވަރު ފަތުގައިވެސް މަލާއިކަތުން ނުލިޔުއްވަވާނެ ކަމަށާއި ޤިޔާމަތް ދުވަހު އެ އަދަދު ކަނޑައަޅުއްވަވާނީ ﷲ ތައާލާ ކަމަށްވެސް ބުނާށެވެ! 

މިފަދަ މޭރުމުން ޅަފަތުގައި ވެސް ކިޔައިދީ ސިކުނޑީގައި ހަރުލެއްވުމުން އެކުދިން ބޮޑުވާނީ ރޯދަ ހިފަން އިންތިހާއަށް ޝައުޤުވެރިވާ ހާލުގައެވެ. ސީދާ ﷲ ތައާލާ ދެއްވަވާ ގިނަގުނަ ސަވާބު ލިބިގަތުމަށް ކުދިން ތިބޭނީ ޝައުޤްވެރިވެގެންނެވެ. 

ޔަޤީންކަމާއިއެކު ބުނަމެވެ. މިމޭރުމުން ދަރިންނަށް ދީނީ މައުލޫމާތުދީ، ހިތުގައި މައުލޫމާތު ހަރުލައްވަން މަސައްކަތްކުރާނަމަ ދަރިން މަގުއޮޅިގެނެއް ނުދާނެއެވެ. ގެއްލިގެން ދިއަ ނަމަވެސް ދާނީ ހަމަ ހާހަކުން ކުއްޖެކެވެ. 

ހިތާމައަކީ މައިންބަފައިންގެ ބިޒީކަމެވެ. ދަރިންނާއި އަލާލައި މިފަދަ ކަންކަން ކުރާނެ ވަގުތުކޮޅެއް ދެވޭ ކަމަށް ނުވާ ކަމެވެ. އަމިއްލައަށް މިފަދަ ކަންކަން އޮޅުންފިލުވައިދިނުމުގެ ޤާބިލުކަން ނެތް ބެލެނިވެރިން އެހެން މީހެއްގެ އެހީތެރިކަން ހޯދައިގެން ނަމަވެސް މިކަންކަން ކުރާށެވެ! ދަރިފުލަކީ މުޅިން ތަފާތު ދަރިއެއްގެ ފެނިގެންދާނެއެވެ! އިން ޝާ ﷲ! 

- ޝައިޚް ޢަބްދުލްބާރީ ޔަޙްޔާގެ ދަރުސަކުން

މިއަދު އޮންލައިން