ސިފަހުތުރުވެގެންނާއި އިސްކޮޅުން ކުރުވެ ކަންބޮޑުވެގެން ތިއުޅެނީ ﷲ ގެ ޙަޟްރަތުގަ ހުރި މަތިވެރި ދަރަޖަ ނުއެނގޭތީއެވެ!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ސިފަހުތުރުވެގެންނާއި އިސްކޮޅުން ކުރުވެ ކަންބޮޑުވެގެން ތިއުޅެނީ ﷲ ގެ ޙަޟްރަތުގަ ހުރި މަތިވެރި ދަރަޖަ ނުއެނގޭތީއެވެ!: ޢުމަރު ސުލައިމާން

ބައެއް މީހުންނަށް އެމީހުންގެ ސިފަ ހުތުރު ކަމަށް ޤަބޫލުކޮށް ލަދުގަނެއެވެ. މީސްތަކުންނާއި ކުރިމަތިލާން ވެސް ލަދުގަނެއެވެ. މީސްތަކުންގެ ތެރޭގައި ހަރަކާތްތެރިވެ އުޅެންވެސް ލަދުވެތިވެއެވެ. 

މިފަދަ މީސްމީހުން ކިޔައި ހިތްވަރު ލިބިގަންނަންވީ ރަސޫލް (ޞޢވ) ގެ ސިޔަރަތުންނެވެ. ޞަޙަބީންގެ ތެރެއިން ޖުލައިބީބް (ރޢ) އާއި ޒާހިރު (ރޢ) ފަދަ ޞަޙާބީންގެ ވާހަކަތަކުންނެވެ. 

އެއްދުވަހަކު ޒާހިރު (ރޢ) ބާޒާރުގައި އުޅުއްވަނިކޮށް ރަސޫލް (ޞޢވ) އަށް ފެނިވަޑައިގަތުމުން އޭނާގެ ހަށިކޮޅުގައި އޮޅު ލެއްވެވިއެވެ. ޒާހިރު (ރޢ) އަކީ ސިފަފުޅު ހުތުރުކަމުން އެއްވެސް މީހަކު އޭނާގެ އެއްވެސް ބޭނުމެއް ނުކުރާނެ ކަމަށް ޤަބޫލުފުޅު ކުރައްވަވައިގެން ހުންނެވި ބޭކަލެކެވެ. އޭނާއަށް އެއްވެސް މީހަކު އެއްވެސް ސަމާލުކަމެއް ނުދެއްވަވާނެ ކަމަށް ޤަބޫލުފުޅު ކުރައްވަވައިގެން ހުންނެވި ބޭކަލެކެވެ. އެހެންކަމުން އޭނާގެ ހަށިކޮޅުގައި ރަސޫލް (ޞޢވ) އެފަދައިން އޮޅުލެއްވެވުމުން ލިބިވަޑައިގަތީ ވަރަށް ބޮޑު ހައިރާން ކަމަކެވެ. 

ރަސޫލް (ޞޢވ) ޒާހިރު (ރޢ) އަށް ހަދީޘްފުޅު ކުރެއްވެވި ބަސްފުޅުން ޢިބްރަތް ލިބިގަންނާށެވެ! ހިތްވަރުވެސް ލިބިގަންނާށެވެ! "ތިބާއަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އަގު ހުރި މީހެކެވެ. އެއްވެސް މީހަކު ތިބާ ދެކެ ލޯބި ނުވިނަމަވެސް ﷲ ތައާލާ ތިބާ ދެކެ ލޯބިފުޅުވެވޮޑިގަތުމުން އިތުރަށް ބޭނުންވަނީ ކާކުގެ ލޯތްބެއް ހެއްޔެވެ؟" 

އެއްދުވަހަކު ވަރަށް ސިފަ ރީތި މުއްސަނދި މީހަކު ފެނިވަޑައިގަތުމުން އޭނާ އާއިމެދު ރަސޫލް (ޞޢވ) ސުވާލުކުރެއްވެވުމުން ޞަޙާބީން ދެންނެވިއެވެ. "ޔާ ރަސޫލް (ޞޢޥ)އެވެ. އޭނާ ވާހަކައެއް ދައްކައިފިނަމަ އެންމެން އަޑުއަހާނެއެވެ. އޭނާ ކަމަކަށް މެދުވެރިވެއްޖެ ނަމަ އެކަމެއް ހައްލުވާނެއެވެ. ކޮންމެ އަންހެނަކާއި ކައިވެނިކުރަން ބޭނުންވި ނަމަވެސް ވަގުތުން ރުހުން ލިބޭނެއެވެ." 

ވަރަށް ސިފަ ހުތުރު ވަރަށް ފަޤީރު މީހަކު ދާތަން ފެނި ވަޑައިގަތުމުން އެމީހާ އާއިމެދު ސުވާލުކުރެއްވެވުމުން ޞަޙަބީން ދެންނެވިއެވެ. "އެމީހާ ދައްކާ ވާހަކަ އަޑުއަހަން އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. އެމީހާ ދައްކާ ވާހަކަ ޤަބޫލެއް ވެސް ނުކުރާނެއެވެ. އެއްވެސް މީހަކު އެމީހެއްގެ ދަރިފުޅު އޭނާއާއި ކައިވެނިކޮށްދޭކަށްވެސް ބޭނުމެއް ނުވާނެއެވެ."

އެހިނދު ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިއެވެ. "ކުރިން ފެނުނު މީހާ އާއި މިމީހާ އާއި އަޅުވާއިރު މިމީހާގެ އަގު ﷲ ތަޢާލާގެ ޙަޟްރަތުގައި މިދުނިޔެއަށްވުރެ ބޮޑެވެ." 

ރަސޫލް (ޞޢވ) މިފަދަ މިސާލުތަކަށް ބަޔާން ކުރައްވަވާފައިވަނީ މީސްތަކުންގެ މުއްސަނދިކަމާއި ރީތި ކަމުގެ އެއްވެސް މުހިންމު ކަމެއް ނެތްކަމާއި ހުރިހާ މުހިންމު ކަމެއް ވެސް އޮތީ އެމީހެއްގެ ތަޤްވާވެރިކަމުންކަން ބަޔާންކޮށްދެއްވެވުމަށެވެ. 

އަދިވެސް ވިސްނާށެވެ! ޢަބްދުﷲ ބިން މަސްޢޫދު (ރޢ) އަކީ އިސްކޮޅުން ވަރަށް ކުރު ވަރަށް ކުޑަކުޑަ ބޭކަލެކެވެ. ވަޔާއިވެސްދާވަރުގެ ކުޑަކުޑަ ބޭކަލެކެވެ. ނަމަވެސް ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ޤިޔާމަތް ދުވަހު ޢަބްދުﷲ ބިން މަސްއޫދުގެ ފައިންޕުޅު އުހުދު ފަރުބަދަވަރުވާނެ ކަމަށެވެ. 

މީސްތަކުންނޭވެ! ސިފަ އާއި މެދު ކަންބޮޑު ނުވާށެވެ! އިސްކޮޅާއިމެދުވެސް ކަންބޮޑުނުވާށެވެ! ކަންބޮޑުވާންވީ ހަމައެކަނި ތަޤްވާވެރިކަމާއިމެދުގައެވެ. ތިމާއަކީ ތަޤްވާވެރިއަކު ކަމުގައި ވެވިއްޖެ ނަމަ އާޚިރަތް ލިބުނީ އެވެ. ހުރިހާ ކަމެއް ލިބުނީއެވެ!

- ޢުމަރު ސުލައިމާނުގެ ދަރުސަކުން

މިއަދު އޮންލައިން