ކައްވަޅުގައި އަމިއްލަ މޫނުގެ މަސް ނޮޅަނޮޅައި ހުންނަ މީހަކަށް ނުވުމަށާ ޤިޔާމަތް ދުވަހު މޫނު ބޭނުން ނަމަ ދޫ ރައްކައުތެރިކުރާށެވެ!: ޢުމަރު ސުލައިމާން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 42ސ
ކައްވަޅުގައި އަމިއްލަ މޫނުގެ މަސް ނޮޅަނޮޅައި ހުންނަ މީހަކަށް ނުވުމަށާ ޤިޔާމަތް ދުވަހު މޫނު ބޭނުން ނަމަ ދޫ ރައްކައުތެރިކުރާށެވެ!: ޢުމަރު ސުލައިމާން!

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އާޚިރަތް ދުވަހު ތިބާގެ މޫނު ބޭނުންނަމަ ދޫ ރައްކައުތެރިކުރާށެވެ! ބަރުޒަޚުގެ ޢާލަމުގައި ތިބާގެ އަމިއްލަ އަތުން ތިބާގެ މޫނުގެ މަސްތައް ނޮޅަނޮޅައި ހުރުމުން ސަލާމަތްވާން ބޭނުންނަމަ ދޫ ރައްކައުތެރިކުރާށެވެ! މިދުނިޔޭގައި ތިބާއަކީ އެހެން މީހުންގެ މޫނާއި ހަށިގަނޑު ނޮޅައިގެން މަސް ކާ މީހަކަށް ނުވާށެވެ! 

މީހަކު މީހަކަށް ކުރާ ކަމެއްގެ ސަބަބުން އެމީހަކަށް، އެހެން މީހުންނަށް އެމީހާގެ މޫނު ކުރިމަތި ކުރަން ލަދުވެތިވާންޖެހޭ ޙާލަތު ކުރިމަތި ވުމަކީ މިއަދު ޢާންމު ކަމެކެވެ. އެއްވެސް ޙައްޤަކާއި ނުވައި މީސްތަކުންގެ ބޮލުގައި ބޮޑެތި އިލްޒާމްތައް އަޅުވަމުން ގެންދިއުމުގެ ސަބަބުން މުޖުޖުތަމައު ޢާއި ކުރިމަތިލާން ލަދުން ތިބި އެތައް ބައަކު މުޖުތަމައުގައި އެބަތިބެއެވެ. އެއްވެސް މީހަކާއި މޫނު ދިމާކުރަން ބިރުވެތިވާންޖެހޭ ހާލަތުގައި އެތައް ބައަކަށް ވަނީ ދިރިއުޅެން ޖެހިފައެވެ. 

މީސްތަކުންނޭވެ! ރަނގަޅަށް އަޑު އަހާށެވެ! މީސްތަކުންގެ ކުރިމަތީގައި ތިބާގެ ސަބަބުން އެހެން މީހެއްގެ އަބުރު ގެއްލުވާލައިފިނަމަ ﷲ ތައަލާ ޤިޔާމަތް ދުވަހު ތިބާގެ މޫނު ނެތިކުރައްވަވާނެތެވެ. ރަސޫލް (ޞޢވ) މިޢްރާޖެ އަރައިވަޑައިގެންނެވި ރޭ ފެނިވަޑައިގެންނެވި އެންމެ ބިރުވެރި އެއް މަންޒަރަކީ ލޯ މޮހޮރު ފަދަ އެއްޗަކުން އެމީހުންގެ މޫނުތައް އަމިއްލައަށް ވީދަމުންދިއަ ބައެކެވެ. އެއީ ކޮންބައެއްތޯ ސުވާލުކުރެއްވުމުން ޖިބްރީލްގެފާނު ދެންނެވީ އެއީ ދެބަ އޮޑުވައި މީސްތަކުންގެ މެދުގައި ފިތުނަ އުފައްދައި އުޅުނު މީހުން ކަމަށެވެ. މީސްތަކުންގެ އަބުރު ކަތިލަމުން ގެންދިއަ މީހުން ކަމަށެވެ. ވީމާ މިފަދަ އަމަލުތަކުގެ ބިރުވެރިކަން މިއޮތީ ފެންނާށެވެ! 

މީސްތަކުންނޭވެ! މީހަކާއިމެދު އެފަދަ އަމަލެއް ކުރެވިއްޖެ ނަމަ ތައުބާވުމުގެ ގޮތުން ކުރަންޖެހޭނެ އެއް ކަމަކީ އެމީހަކާއިމެދު ދެއްކުނީ ދޮގު ވާހަތަތަކެއް ކަމުގައި މީސްތަކުންގެ ކުރިމަތީގައި އިއުލާނު ކުރުމެވެ. އެމީހަކު އެކަމަކުން ސަލާމަތްކޮށްދިނުމެވެ. އަދި އެމީހެއްގެ ކިބައިން މަޢާފަށް އެދުމެވެ. ނޫން ނަމަ ޤިޔާމަތް ދުވަހު ކުރިން މިބުނެވުނު ޙާލަތާއި ކުރިމަތިލާން ޖެހިދާނެ ކަމަށް ބިރުވެތިވާށެވެ! 

ނިކަން ވިސްނައިލަބަލާށެވެ! އަންހެނަކާއި ފިރިހެނެއްގެ މެދުގައި ޚާއްޞަ ގުޅުންތަކެއް އޮންނަ ދުވަސްވަރު ދެކެވިފައި ހުންނަ ވާހަކަތައް ހާމަކުރުމުން، ކުރެވިފައި މެސެޖްތަކާއި ނަގާފައި ހުންނަ ފޮޓޯތައް ޢާންމުކޮށްލުމުން، ލަދުން މީސްތަކުންނާއި ކުރިމަތިލާން ނުކުރިގެން އަމިއްލައަށް މަރުވަނީ ކިތައް އަންހެނުން ހެއްޔެވެ؟ އެކަން ކުރި މީހާ އެކަމުގެ ޒިންމާ ނަގަން ނުޖެހޭނެ ކަމަށް ހީކުރަނީ ހެއްޔެވެ؟ ޤިޔާމަތް ދުވަހު އެކަމުގެ ޒިންމާ އެމީހަކަށް ޖެހޭނީ ހަމަ ނަގާށެވެ!  

މީސްތަކުންނޭވެ! މިއަދު ގިނަ މީހުން ދިރިއުޅެމުން ގެންދަނީ ދެ މޫނު ހިފައިގެން އެކަންޏެއް ނޫނެވެ، 20، 30 މޫނު ހިފައިގެންނެވެ. އެއީ އެކި މީސްމީހުންނާއިއެކު ތަފާތު ގޮތް ގޮތަށް އުޅޭތީއެވެ. 

ނިނަމައިލަމުން ވެސް ދަރުސް ފަށަމުން ބުނި ބަސްތައް ހަނދާންކޮށްލައިދޭނަމެވެ. ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އާޚިރަތް ދުވަހު ތިބާގެ މޫނު ބޭނުންނަމަ ދޫ ރައްކައުތެރިކުރާށެވެ! ބަރުޒަޚުގެ ޢާލަމުގައި ތިބާގެ އަމިއްލަ އަތުން ތިބާގެ މޫނުގެ މަސްތައް ނޮޅަނޮޅައި ހުރުމުން ސަލާމަތްވާން ބޭނުންނަމަ ދޫ ރައްކައުތެރިކުރާށެވެ! މިދުނިޔޭގައި ތިބާއަކީ އެހެން މީހުންގެ މޫނާއި ހަށިގަނޑު ނޮޅައިގެން މަސް ކާ މީހަކަށް ނުވާށެވެ! 

- ޢުމަރު ސުލައިމާންގެ ދަރުސަކުން

 

މިއަދު އޮންލައިން