ގެއްލުވާލާފައިވާ މިނިވަން ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެ މައްސަލަ ތަޙްޤީޤު ކުރުމުގައި، ފުލުހުން އިޙުމާލުވެފައިވޭތޯ ބެލުމަށް ބޭއްވި ޤައުމީ ސަލާމަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.
މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފައިވަނީ ސަރުކާރުގެ މުއައްސަސާތަކުން ކޮމިޓީއަށް ފޮނުވާފައިވާ ލިޔެކިޔުންތައް ދިރާސާކުރުމަށެވެ.
އެގޮތުން މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ފުލުހުން ކޮމިޓީއަށް ހާޒިރުކުރުމަށް މަޝްވަރާ ކުރައްވާފައިވާއިރު، އޭގެކުރިން ބޭއްވި ބައްދަލުވުމެއްގައި ވެސް ވަނީ ފުލުހުންގެ އިސްވެރިން އެކޮމިޓީއަށް ހާޒިރުކުރުމަށް ނިންމާފައެވެ. އެނގިފައިވާ ގޮތުގައި ފުލުހުން ކޮމިޓީއަށް ހާޒިރުކުރަނީ މާދަމާއެވެ.
މިނިވަން ނޫސްވެރިޔާ ރިޟްވާން ގެއްލުވާލާފައިވާ މައްސަލަ ތަހުޤީޤުކުރުމުގައި ފުލުހުން ވެފައިވާ އިޙުމާލު ބެލުމަށް ރައްޔިތުންގެ މަޖިލިހުގެ ތަޅުމުން ފާސްކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ. މިމައްސަލައިގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ބުނެ ހުށެހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން އެވެ.
ހިސާންގެ ހުށަހެޅުއްވުމުގައި ވަނީ ރިޟްވާން ގެއްލުވާލި މައްސަލާގައި ފުލުހުން ވެފައިވާ އިހުމާލުގެ މައްސަލަތައް ބެލުމުގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ރިޔާސީ ކޮމިޝަނުގައި ނެތް ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވަނީ، ރިޟްވާންގެ މަރުގެ މައްސަލައާއި ގުޅޭ ތަފްސީލީ ރިޕޯޓެއް ރިޔާސީ ކޮމިޝަންގެ ފަރާތުން އެމަނިކުފާނާއި ހިއްސާ ކުރައްވާފައިވާ ކަމަށެވެ.