ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ދޭ އިނާޔަތް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހަޅާފައިވާ އިޞްލާޙޫގެ ބަހުސް ފަށައިފިއެވެ. އިޞްލާޙް ހުށަހެޅުއްވި ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ބަހުސް ފަށްޓަވައި ދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ބަސްފުޅަކުންނެވެ.
"މީހެއްގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ، އެމީހެއްގެ ބަދުނަސީބު ކަމުގައި އަޅުގަނޑުމެން ގަބޫލެއްނުކުރަން. އޭގެ ބަދަލުގައި އަޅުގަނޑުމެން، މުޅި މުޖުތަމަޢު އަތުގުޅާލައިގެން މަސައްކަތް ކުރަންވީ، އެފަދަ މީހުންގެ ކިބައިގައި ހުރި ހުނަރާއި ޤާބިލުކަމުގެ ބޭނުންހިފޭނެ މަގު ފަހިކޮށްދީ، އެމީހުންނަކީ ނަސީބުވެރިން ކަމުގައި ހަދައިދޭން."
ކާނަލް ނާޒިމް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަހަކު 2000 ރުފިޔާ ދިނުމުން އެމީހުންގެ އަސާސީ ބޭނުންތައްވެސް ނުފުދޭ ކަމަށެވެ. އަދި އެކަމުގެ ތަފްޞީލްތައްވެސް ވަނީ ހާމަކުރައްވައިފައެވެ.
އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަންކަން ފަހިކޮށްދެވޭނީ ހަމައެކަނި ފައިސާއިން ނޫން ކަމަށާއި ކުރަން އޮތް އެންމެ މުހިންމު ކަމަކީ ނުކުލެދުންތެރިކަން ހުރި ފަރާތްތަކަށް ދޭން ޖެހޭ އިނާޔަތްތައް ދެނެ ގަނެ އެކަންކަން ފަސޭހަކޮށްދިނުން ކަމަށެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް ބޮޑު ކުރުމަކީ ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭނެއިރު ބަޖެޓަށް ބާރުބޮޑުވާނެ ކަމެއް ކުރަން ފާސްކުރަން ޖެހޭނީ ކުރިއާލައި މަޝްވަރާކޮށްގެން ކަމަށެވެ. އެހެންކަމުން ޖުމްހޫރީ ޕާޓީއަކީ ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޕާޓީއަކަށް ވުމުން އެޕާޓީންވެސް އަދި ޕާޓީގެ މެންބަރުންވެސް މިފަދަ މައްސަލަތައް ހުށަހަޅަން ޖެހޭނީ ސަރުކާރާއި މަޝްވްރާކޮށްގެން ކަމަށެވެ. އަދި ބިލް ހުށަހެޅުއްވި ފަރާތުން މިފަދަ މަޝްވަރާއެއް ކުރައްވާފައި ނުވާތީ މިބިލް މަޖިލީހުން ބަލައި ނުގަންނާނެ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަސް ދޭ އިނާޔަތް ބޮޑުކުރުމަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ވަނީ ވަރަށް ގިނަ މަސައްކަތްތައް ކުރައްވައިފައެވެ. ނަމަވެސް ރައީސް ޔާމީނުގެ ސަރުކާރަށް ނިޞްބަތްވާ މެންބަރުން ވަނީ އެކަން ބަލައި ނުގެންފައެވެ.