ދެކުނުގެ ރަށެއްގައި އުމުރުން 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ރޭ 23:35 ހާއިރު ކަމަށާއި، މިމައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 21 އަހަރުގެ ފިރިހެނަކު 12 ޖުލައި 2019 ވަނަ ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެމީހާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިޔުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ މިމައްސަލަ ކަމާއި ގުޅުން ހުރި އިދާރާތަކާއި ގުޅިގެން ތަހުގީގު ކުރަމުންނެވެ.
މިއީ ކޮން ރަށެއްގައި ހިނގި ހާދިސާއެއް ކަމެއް، ނުވަތަ މިކަމާއި ގުޅުންހުރި އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.