ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ހެޑް އަބްދުﷲ އަޝްރަފު އާއި އެމްއެމްއޭގެ ގަވަރުނަރު އަހްމަދު ނަސީރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
މި ދެބޭފުޅުން ކޮމެޓީއަށް ހާޒިރުކުރަނީ ގަވަރުނަރު އަހްމަދު ނަސީރަށް ބޮޑެތި ތުހުމަތުތަކެއްކޮށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް އަބްދުﷲ އަޝްރަފު ފޮނުވި ސިޓީއަކާއި ގުޅިގެންނެވެ.
މިސިޓީގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބު ނިމެންދެން ހައި ޕްރޮފައިލް ކޭސްތައް ރިޕޯޓް ނުކޮށް މަޑުކުރަން ގަވަރުނަރު އަހްމަދު ނަސީރު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް އެންގި ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތު ކުރާ އެތައް މައްސަލައެއް ތަހުގީގުކޮށް ފުލުހުންނަށްވެސް ހުށަހަޅާފައިވާނެކަމަށެވެ.
އެހެންނަމަވެސް މިމައްސަލަތައް ފުލުހުންނަށް ހުށަހެޅުމުން ގަވަރުނަރު ނަސީރު އެކަމާ ކޯފާ އިސްކުރައްވައި އަޝްރަފް ވަނީ މަގާމުން ވަކި ކުރައްވާފައި ކަމަށް މި ސިޓީގައި ބުނެފައިވެއެވެ.
މިކަންކަމަށް ރައްދުދެއްވައި ގަވަރުނަރު ފޮނުވި ސިޓީއާ މެދު މާލިއްޔަތު ކޮމެޓީން މަޝްވަރާ ކޮށް ކޮމެޓީގެ މެންބަރުން ބޭނުންފުޅުވަނީ އެ ތުހުމަތުތަކާއި ގުޅޭގޮތުން ކޮމެޓީގައި މަޝްވަރާ ކުރުމަށެވެ.