އެމްއެމްޕީއާރުސީއަށް ލިބުނު ދިވެހި ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ޗެކްތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން، އެމްއެމްޕީއާރުސީ އާއި އެއްވެސް ގުޅުމެއް ނެތް އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސް.އޯ.އެފްގެ އެކައުންޓަށް ޖަމާކޮށްދިން މައްސަލައިގައި އެއްވެސް ދައުރެއް އަދާކުރައްވާފައި ނުވާނެ ކަމަށް އެމްއެމްއޭގެ އެއިރުގެ އެސްޓެންޓް ގަވަރުނަރު ނީޒާ ޢިމާދު ވިދާޅުވެއްޖެއެވެ.
ނީޒާ ވިދާޅުވީ އެޗެކްތައް އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރަމުން ގެންދިއައީ ނިޒާގެ ލަފާގެމަތިން ކަމަށް ބުނެ ބީއެމްއެލް އިން މިއަދު މާލިއްޔަތު ކޮމިޓީއަށް ދީފައިވަނީ ކަނޑައެޅިގެން ޙަޤީޤަތާއި ޚިލާފް ދޮގު މައުލޫމާތު ކަމަށެވެ. އެފަދަ ކަމަކާއި ގުޅިގެން ވަކި ގޮތަކަށް އަމަލުކުރަން ބީއެމްއެލްއަށް އަނގަވާފައި ނުވާނެ ކަމަށެވެ.
ނީޒާ ވިދާޅުވީ އެމްއެމްޕީއާރުސީ އަދި އެސްއޯއެފް އާއި ގުޅިގެން އޭސީސީސީ އިން ކުރިއަށްގެންދިއަ ތަޙްޤީޤްތަކަށް ވާނީ މައުލޫމާތު ދެއްވާފައި ކަމަށާއި އަދި ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކަށް މައުލޫމާތު ދެއްވަން މިހާރުވެސް ހުންނެވީ ތައްޔާރަށް ކަމަށެވެ.
ނީޒާ މިމޭރުމުން ވިދާޅުވެފައިވަނީ ބީއެމްއެލް އިން މާލިއްޔަތު ކޮމިޓީއަށް ދިން މައުލޫމާތު ދޮގު ކުރައްވައި ޢާންމު ކުރެއްވި ކުރު ބަޔާނެއްގައެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ވައްކަންކުރަން އެހީތެރިވެދިން ފަރާތްތަކަށް ރައީސް ޔާމީނުގެ ސަރުކާރުގެ ރުހުން ލިބެމުން ދިއަ ނަމަވެސް ނީޒާއަށް އެއިރުވެސް ވަނީ އެ ރުހުން ނުލިބިފައިކަން ފާހަގަކުރެވެއެވެ. ނީޒާ މަޤާމުން އިސްތިއުފާ ދެއްވީވެސް ރައީސް ޔާމީނުގެ ރުހުން ނުލިބުމުގެ މައްސަލައެއްގައިކަމަށް ގިނަ ބައަކު އެއިރުވެސް އައީ ބުނަމުންނެވެ.
@mvpeoplesmajlis @ibusolih @MohamedNasheed @raajjemv @sunbrk @Mihaarunews @cnm_mv maaliyath committee gai @bankofmaldives in alhugadey kiyaigen ufehdhi vaahakayah dhey radhu pic.twitter.com/h7zpSSFZs5
— Neeza (@n_neeza) July 16, 2019