ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެބޭފުޅުންގެ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރާނެ ގޮތުގެ މައުލޫމާތު ދިނުމުގެ ތަމްރީން ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
ދެ ދަންފަޅިއަކަށް ބަހާލައިގެން ހޮޓެލް ޖެންގައި ކުރިއަށް ގެންދާ މިތަމްރީން ޕްރޮގްރާމު ކުރިއަށް ގެންދަނީ އިނގިރޭސިވިލާތުގެ ވެސްޓްމިނިސްޓަރ ފައުންޑޭޝަން ފޯ ޑިމޮކްރަސީގެ ތަޖުރިބާކާރު ބޭފުޅުންނެވެ.
މި ޕްރޮގްރާމުގައި މައުލޫމާތު ދެއްވަނީ ވެސްޓް މިނިސްޓަރ ފައުންޑޭޝަންގެ ކަންޓްރީ ރިޕްރެޒެންޓޭޓިވްއާއި، ސީނިއާ ޕާލިމެންޓްރީ އެޑްވައިޒަރާއި އަދި ފައުންޑޭޝަންގެ ރީޖަނަލް ޑައިރެކްޓަރެވެ.

މި ޕްރޮގްރާމުގެ ތެރެއިން މެންބަރުންނަށް އެބޭފުޅުންގެ މަސްއޫލިއްޔަތުތަކާއި މަސައްކަތްތައް ކުރިއަށް ގެންދަންވީ ގޮތާ ގުޅޭގޮތުން މުހިއްމު މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.
މިއަދު ނިންމާލުމަށް ހަމަޖެހިފައިވާއިރު މި ޕްރޮގްރާމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީ ތަކެއްގެ މެންބަރުން ވެސް ގެންދަވަނީ ބައިވެރިވަމުންނެވެ.