ކަސްޓަމްސްގެ އަހަރީ ދުވަސް ފާހަގަކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
ކަސްޓަމްސްގެ އަހަރީ ދުވަސް ފާހަގަކޮށްފި

މިއަދަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 129 ވަނަ އަހަރީ ދުވަސް ކަމަށްވާތީ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަސްޓަމްސްގައި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. 

ބުރާސްފަތި ދުވަހު ހެނދުނު 06:00 ގައި ބޭއްވި މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ނަންގަވައިދެއްވީ ކަސްޓަމްސްގެ މިނިސްޓަރ، މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީއެވެ. އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަޙްމަދު ނުޢުމާންއެވެ. 

މި ރަސްމިއްޔާތުގައި ދުވަހާ ގުޅޭގޮތުން ޚާއްޞަ ދުޢާއެއް ކުރުން އޮތެވެ. އިސްވެ މި ދުޢާ ވިދާޅުވެދެއްވީ ސީނިއަރ ސުޕްރިންޓެންޑެންޓް މުޙައްމަދު ނިޒާރެވެ. ކަސްޓަމްސް މައި އޮފީހުގެ އިތުރުން ރާއްޖޭގެ ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ ކަސްޓަމްސް އޮފީސްތަކުގައި ވެސް ދިދަ ނެގުމުގެ ރަސްމިއްޔާތު ވަނީ އެއްވަގުތެއްގައި ބާއްވާފައެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތުގެ އިތުރުން ކަސްޓަމްސްގެ އަހަރީ ދުވަހާއި ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ. މިގޮތުން 129 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމީ ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޖަލްސާގައި ކުރިއަށް އޮތް 5 އަހަރު ކަސްޓަމްސްއިން ޙާޞިލްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް އެކުލެވޭ ގޮތުގެ "ސްޓްރެޓެޖިކް ޕްލޭން" ލޯންޗްކުރުން އޮންނާނެއެވެ. އަދި ކަސްޓަމްސްގެ މުވައްޒަފުންނާއި އާއިލާތަކަށް ޙާއްސަކޮށްގެން "ކަސްޓަމްސް ރަން 2019" ގެ ނަމުގައި ދުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކަސްޓަމްސްގެ ތާރީޚް ދައްކުވައިދޭ މައުރަޒަކާއި "ކަސްޓަމްސް ނައިޓް" ގެ ނަމުގައި މުނިފޫހިފިލުވުމުގެ ހަފްލާއެއް ބޭއްވުމަށްވެސް ހަމަޖެހިފައިވެއެވެ. 

ދިވެހިރާއްޖޭގައި ކަސްޓަމްސްގެ ޚިދުމަތް ފެށިފައިވަނީ 18 ޖުލައި 1890 ގައެވެ.

 

މިއަދު އޮންލައިން