ކުޑަ ދެ ފިރިހެން ކުދިންނާއި ބަދު އަޚްލާޤީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވުނު ފިރިހެން ފުލުހަކު މިއަދު ހައްޔަރު ކޮށްފިއެވެ. އެނގިފައިވާ ގޮތުގައި މިފަދަ މައްސަލައެއް ފުލުހުން ބަލަމުންދާކަން ހާމަވެފައިވަނީ މިއަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހުއެވެ.
މިމައްސަލައާއި ބެހޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާާޅުވެފައިވަނީ ކުޑަ ދެ ފިރިހެން ކުދިންނާއިމެދު ބަދުއަޚްލާގީ އަމަލު ހިންގިކަމަށް ތުހުމަތު ކުރެވިގެން ހުށަހެޅުނު މައްސަލައިގައި ތުހުމަތު ކުރެވޭ ފިރިހެނަކު 28 ޖުލައި 2019 ވަނަ ދުވަހު ހައްޔަރު ކުރެވިފައިވާ ކަމަށާއި އޭނާގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. މިމައްސަލައިގަ ހައްޔަރު ކުރެވުނު ފަރާތަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާގައި ހުރި މީހެއް ކަމަށް ވެސް އޮފިޝަލު ކަށަވަރު ކޮށްދީފައިވެއެވެ.
މިމައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާރޑްސް ކޮމާންޑާއި ފެމިލި އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި ކުޑަ ދެ ފިރިހެން ކުދިންނާއި ބަދު އަޚްލާޤީ އަމަލު ހިންގާފައިވަނީ ފުލުހުގައި މަސައްކަތް ކުރާ މައްޝޫރު ވޮލީ ކުޅުންތެރިއެކެވެ. އޭނާ މިއަމަލު ހިންގާފައިވަނީ އުމުރުން 14 އަހަރުގެ ދެ ފިރިހެން ކުދިންނާއި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ފުލުހުންނާއި ޖެންޑާއިން ވެސް ބަލަމުން އަންނަ މިމައްސަލައިގައި، އޭނާ 14 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ފުރަތަމަ މަައްސަލަ ބަލަން ފަށާފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ތެރޭގައެވެ. ދެވަނަ މައްސަލަ ބަލަން ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހު ތެރޭގައެވެ.
ކުޑަ ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން މައްސަލަ ހުށަހެޅުނުއިރު، އެފުލުސްމީހާ ހުރީ ނޯ ޕޭ ލީވް ނަގައިގެން މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން ލަންކާގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.