ރާއްޖޭގެ ފިހާރަތަކުގައި ވިއްކަމުން ގެންދާ ބަނގުއާވި ހުރި ބުއިންތައް ފިހާރަތަކުން ނެގުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.
މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަދަ ބުއިންތައް ވިއްކަމުން އައި ބައެއް ފިހާރަތަކުން މިހާރުވެސް ވަނީ އަމިއްލައަށް އެތަކެތި ވިއްކުން ހުއްޓާލައި ހަރުތަކުން ނަގައިފައެވެ. ކަސްޓަމްސްގެ އިސް އޮފިޝަލަކު ވިދާޅުވީ މި ބާވަތުގެ ބުއިން ވިއްކަނީ މަދު ފިހާރަތަކެއްގައި ކަމަށާއި އެ ފިހާރަތައް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.
"ކަސްޓަމްސްއަށް އެނގުނު ހިސާބުން ނައްތާލުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިފިން. އަޅުގަނޑުމެން މީޑިއާގަ އެ ވާހަކަތައް ނުދައްކައި މަޑުކުރީ އެކަން ނޭނގޭ މީހުންނަށް އެނގި އިތުރަށް އެއިގެ މާކެޓް ގޯސްވިއަ ނުދިނުމަށް. އެކަން އެނގިއްޖިއްޔާ ގަންނަން ގިނަ ބައަކު ދުއްވައިގަތުމުގެ ފުރުޞަތު ނުދިނުމަށް. ނަމަވެސް މީޑިއާގަ އެވާހަކަ ފެތުރީމާ މިކަން ގޯހުން ގޯހަށް ބަދަލުވީ." ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
މިމައްސަލަ އާއި ގުޅިގެން ގިނަ ބައަކު ބުނަނީ މިފަދަ އެއްޗެއް އެތެރެކޮށް ވިއްކި ކުންފުނިތަކަށާއި އެތެރެކުރަން ހުއްދަ ދިން ބައަކު މިކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ. ކަސްޓަމްސް އިން ބުނީ ކާބޯތަކެތި ދޫކުރަނީ ކަމާއި ބެހޭ އިދާރާތަކުގެ ހުއްދަ ދިނުމުން ކަމަށެވެ.
މިކަމާއި ގުޅިގެން ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާން:
ރާއްޖެ އެތެރެކޮށް ވިއްކަމުންދާ GERSTEL "ނޮން އަލްކޮހޯލިކް ބިއަރ" ގައި ބަނގުއާވި ހިމެނޭކަމަށް ދެކެވޭ ވާހަކައާ ގުޅޭގޮތުން ދަންނަވަމެވެ.
މިދެންނެވުނު ބުއިމުގައި ބަނގުއާވި ހިމެނޭކަމަށް ކަސްޓަމްސްގެ އިންޓެލިޖެންސަށް ޝައްކު ކުރެވިގެން، މިއަހަރުގެ ޖޫންމަހުން ފެށިގެން މިމައްސަލަވަނީ ބަލަން ފަށާފައެވެ. މި ބާވަތުގެ ބުއިންތައް 2017 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް އެތެރެކުރަން ފަށާފައިވާއިރު އެންމެ ފަހުން މިފަދަ ބުއިމުގެ ޝިޕްމެންޓެއް ރާއްޖެ އެތެރެކޮށްފައިވަނީ 03 އޮގަސްޓް 2018 ގައެެވެ. އަދި މިމައްސަލަ ބަލަމުން ދިއަ މަރުޙަލާގައި ރާއްޖެ އެތެރެ ކުރުމަށްޓަކައި ގެނެވުނު މިފަދަ ބުއިމުގެ ޝިޕްމެންޓެއް 17 ޖުލައި 2019 ގައި ކަސްޓަމްސް އިން ހިފަހައްޓާފައި ވާއިރު، މިބުއިންތަކުގައި 0.3% އަށްވުރެ ގިނަނޫން މިންވަރަށް ބަނގުއާވި އެކުލެވިގެންވާކަން ލެބޯޓްރީ ތަހުލީލުން ކަސްޓަމްސް އަށް ސާބިތު ކުރެވިފައިވަނީ 21 ޖުލައި 2019 ގައެވެ. މިމައްސަލަ ހައްލުކުރުމުގެ ގޮތުން އިސްވެ ބަޔާންކުރެވުނު ބާވަތުގެ ބުއިންތައް އެތެރެކުރާ ފަރާތްތަކާއި ކަސްޓަމްސްއިން މިދަނީ މުޢާމަލާތްކޮށް އެފަދަ ބުއިންތައް ބާޒާރުން ނެގުމާއި ގުޅޭ މަސައްކަތް ކުރަމުންނެވެ.
ދިވެހިރާއްޖެއަށް ކާބޯތަކެތި އެތެރެކުރެވޭނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދައާއި އެކުގައެވެ. އަދި ހަމައެހެންމެ މިބާވަތުގެ ބުއިންތަކަކީ އަހަރުތަކެއް ވަންދެން ރާއްޖޭގެ ބާޒާރުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރެވެމުން އައިސްފައިވާ ބުއިމަކަށް ވެފައި، މިއީ ގިނަބައެއްގެ ވިޔަފާރީގެ މަސްލަޙަތާއި ގުޅިފައިވާނޭ މައްސަލައެއްކަން ކަސްޓަމްސްއިން ފާހަގަ ކުރަމެވެ. ވުމާއެކު، މިމައްސަލާއާއި ގުޅިގެން އުފެދިދާނޭ އެންމެހާކަންކަން ޙައްލު ކުރުމަށްޓަކައި ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުން ގެންދާ ވާހަކަވެސް ދެންނެވީމެވެ.
އަދި، ކުރިއަށްއޮތް ތަނުގައި މިފަދަ މައްސަލައެއް ތަކުރާރު ނުވާނޭކަން ކަށަވަރު ކުރުމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ދާނެވާހަކަ ރައްޔިތުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.