ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފަށް ތުހުމަތު ކުރެވިފައިވާ މައްސަލަ، "ޕްރެސިޑެންޓަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަން" ގެ ސިޓީއަކުން އިތުރަށް ސާފުކޮށްދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޝަރީފުގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ، މަޖިލިހުގެ މާލިއްޔަތް ކޮމިޓީއަށް އޮޅުވާލާ، ދޮހު މައުލޫމާތު ދެއްވިކަމުގެ ތުހުމަތެވެ. މިމައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ޝަރީފް އާއި ގުޅޭގޮތުން މަޖިލިހުގެ އިދާރާއިން ފުލުހުންނަށް ހުށަހެޅި މައްސަލައިގރ ތަހުގީގު ހިނގަމުންދާކަން ފުލުހުންގެ އިދާރާއިން އަންގާފައިވާ ކަމަށާއި އެކަން ހިނގަމުން ދަނިކޮށް އެސެޓް ރިކަވަރޫ ކޮމިޝަނުން މަޖިލީހަށް ފޮނުވި ސިޓީއެއް މިހާރު ލިބިފައިވާ ކަމަށެވެ.
"އެސިޓީގައި އެމްއެމްޕީއާރްސީ އިން ހިންގާފައިވާ ކަމަށް ބެލެވޭ ޚިޔާނާތާއި ކޮރަޕްޝަންގެ މައްސަލައާއި ގުޅޭގޮތުން ހޯދާފައިވާ ލިޔެކިޔުމުން ފެންނަގޮތުގަ އެމްއެމްޕީއާރްސީ އަށް ރަށްރަށާއި ފަޅުތަކުގެ ލީސް އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ލިބިފައިވާ ޗެކްތަކުގެ ތެރެއިން 'ނޮޓް ނިގޯޝިއަބަލް' ޖަހާފައިވާ 6 ޗެކެއް އެންޑޯސްކޮށް ބޭންކް އޮފް މޯލްޑިވްސް އިން އެސްއޯއެފް ކުންފުނީގެ ނަމުގައި ބީއެމްއެލްގަ ހުޅުވާފައިވާ ޑޮލަރު އެކައުންޓަށް ޖަމާކޮށްފައިވާކަން ސާފުކޮށް އެނގެން އޮތް ކަމަށް" އެސެޓް ރިކަވަރީ ކޮމިޝަނުން ފޮނުއްވި ސިޓީގެ ބައެއް މަޖިލިހަށް އިއްވަމުން މަޖިލިހުގެ ރައީސް މުޙައްމަދު ނަޝިދު ވިދާޅުވިއެވެ.