ރާއްޖޭގެ އިތުރުން އިންޑިއާ ކަނޑުގަ ވެސް ދާޖަހައިގެން މަސްވެރިކަން ކުރުން ހުއްޓުވަން ޖެހޭ ކަމަށް މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން ވިދާޅުވެއްޖެއެވެ.
މެންބަރުން މިއަދު ވިދާޅުވީ ރާއްޖޭގެ އިޤްޠިޞާދީ ސަރަހައްދާއި ގާތުގައި ބޮޑުދާޖަހައިގެން މަސްވެރިކަން ކުރާތީ އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ މަސްވެރިކަމަށް ވަރަށް ބޮޑަށް ކުރަމުންދާ ކަމަށެވެ. އަދި ދާޖަހައިގެން މަސްވެރިކަން ކުރުމުން މަސްވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާތީ ދާޖަހައިގެން މަސްވެރިކަން ކުރުން ހުއްޓުވަން މަސްވެރިކަމާއި ބެހޭ ޖަމާއަތްތަކުން މިހާރުވެސް ޤަރާރުތައް ފާސްކޮށްފައިވާތީ އެކަން ތަންފީޒުކުރަން ރާއްޖެއިން ބާރުއަޅަން ޖެހޭ ކަމަށެވެ.
ރާއްޖޭގެ އެންމެ އުތުރު ސަރަހައްދާއި ވަރަށް ގާތުން ދާޖަހައިގެން މިހާރުވެސް މަސްހިފަމުން ގެންދާކަން ބައެއް މެންބަރުން ފާހަގަކުރިއެވެ. "އެގޮތަށް ދައު ޖެހުމުން ރާއްޖޭގެ ސަރަހައްދަށް ވަންނަން އަންނަ ގިނަ އަދަދެއްގެ މަސް ދައުތަކުގައި ޖެހި ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ފުރުޞަތުވެސް ނުލިބޭ. ދައު ޖެހުމުން ލިބޭ ގެއްލުން އަހަރެމެންގެ ލޯތަކަށް ފެނޭ. ފަޅެއްގައި ދައު ޖެހިނަމަވެސް ކާން ވެސް ބޭނުން ނުކުރެވޭ ވަރުގެ ކުދި މަސްތައްވެސް ޖެހޭތަން ފެންނާނެ." ކަމަށް ވެސް ބައެއް މެންބަރުން ބުނެފައިވެއެވެ.