އިސްލާމިކް މިނިސްޓްރީން ހައްޖުވެރިންގެ ފައިސާތައް "ކައިލާ" ކަމުގެ ދޮގު ތުހުމަތު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮށްފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
އިސްލާމިކް މިނިސްޓްރީން ހައްޖުވެރިންގެ ފައިސާތައް "ކައިލާ" ކަމުގެ ދޮގު ތުހުމަތު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮށްފި!

އިސްލާމިކް މިނިސްޓްރީ އެއްވެސް އިރެއްގައި ރާއްޖެއިން ޙައްޖަށް ދާ މީހުންގެ ފައިސާ ޖަމާކޮށްފައި ހުންނަ ތަނެއް ނޫން ނަމަވެސް ހައްޖަށް ދިއުމަށް އިސްލާމިކް މިނިސްޓްރީއަށް ޖަމާކުރާ ފައިސާ "ކައިލާ" ކަމުގެ ދޮގު ތުހުމަތު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި މާފަންނު މެދުދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކުރައްވައިފިއެވެ.  

 

މާފަންނު މެދުދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވީ މިހާރުވެސް ވަނީ 2025 ވަނަ އަހަރަށްވެސް ޙައްޖަށް ދާން މީހުން ބުކިންގ ހަދާފައި ކަމަށެވެ. "އުމުރުން 70 އަހަރު ވީމާ ހައްޖަށް ދާން ފައިސާ ފައިސާ ދައްކައިގެން ކޮން އިރަކުންތޯ އޭނާއަށް ޙައްޖަށް ދެވޭނީ؟ ނުވިތާކަށް ބުނާނީ އިސްލާމިކް މިނިސްޓްރީން ފަންޑްތައް ކާލައިފިއޭ. ހައްޖަށް ގެންދާނެ ލާރިއެއް ނެތޭ!."

 

މިފަދައިން އިބްރާހީމް ރަޝީދު ވިދާޅުވި ނަމަވެސް އެއްވެސް ސަރުކާރެއްގައި އިސްލާމިކް މިނިސްޓްރީއަކީ ހައްޖަށް މީހުން ގެންދިއުމަށް ފައިސާ ޖަމާކުރާ ތަނެއް ނޫނެވެ. ފައިސާ ދައްކަނީ ޙައްޖު ގްރޫޕުތަކަށާއި ހައްޖު ކޯޕޮރޭޝަނަށެވެ. ވީމާ މިއީ އިސްލާމިކް މިނިސްޓްރީގެ ބޮލުގައި އެޅުވި ވަރަށް ބޮޑު ދޮގު އިލްޒާމެއް ކަމަށް ފާހަގަކުރެވެއެވެ.

 

ޙައްޖަށް ދާން އެއްވެސް މީހަކު އިސްލާމިކް މިނިސްޓްރީއަށް ފައިސާ ދެއްކި ކަމުގެ އެއްވެސް މައްސަލައެއް މިހައިތަނަށް ކުރިމަތިވެފައެއް ނުވެއެވެ.

 

އިސްލާމިކް މިނިސްޓަރުކަމުން ޑރ. މުޙައްމަދު ޝަހީމް ޢަލީ އިސްތިއުފާ ދެއްވި ފަހުން އިސްލާމިކް މިނިސްޓްރީގެ ބަޖެޓުން ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމުގެ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައަކީ ޙައްޖުވެރިން ދައްކާ ފައިސާ އާއި އެއްވެސް ގުޅުމެއް ހުރި މައްސަލައެއް ނޫނެވެ. ސަބަބަކީ ޙައްޖަށް ދިއުމަށް އެއްވެސް މީހަކު އެއްވެސް ފައިސާއެއް އިސްލާމިކް މިނިސްޓްރީއަށް ނުދައްކާ ކަމަށެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ މަޖިލީހުގައި ދޮގު މައުލޫމާތު ދޭ މީހުންގެ މައްސަލަތައް ބައްލަވާނެ ކަމަށެވެ. އެގޮތުން ބީއެމްއެލްގެ މުވައްޒިފެއްގެ މައްސަލަ މިހާރުވެސް ވަނީ ފުލުހުންނަށް ފޮނުވައިފައެވެ. އަދި އެ މައްސަލަ ތަޙްޤީޤްކުރަމުން ގެންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން