ސިއްޙީ ނިޒާމް ބިނާކުރަމުން ދަނީ ދުރު މުސްތަޤްބަލަށް އަމާޒު ކޮށްގެން: ހެލްތު މިނިސްޓަރ

ކިޔުމަށް ހޭދަވާނީ 1މ 40ސ
ސިއްޙީ ނިޒާމް ބިނާކުރަމުން ދަނީ ދުރު މުސްތަޤްބަލަށް އަމާޒު ކޮށްގެން: ހެލްތު މިނިސްޓަރ

މިސަރުކާރުން ރާއްޖޭގެ ސިއްޙީނިޒާމަށް ގެންނަބަދަލުތަކަކީ ހަޤީޤީ މާނާގައި ދުރުމުސްތަޤުބަލަށް އޭގެ ފައިދާ ކުރާނޭހެން ގެންނަ ބަދަލުތަކެއްކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީން ވިދާޅުވީ، ސިއްޙީ ނިޒާމަކީ ހަރުދަނާ ކަމާއިއެކު ދުރު މުސްތަޤުބަލަށް ފައިދާކުރާނޭހެން ހިންގޭ ނިޒާމަކަށް ބަދަލުކުރަން ޖެހޭކަމަށެވެ.

 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވިސްނުންފުޅަކީ ދުރު މުސްތަޤުބަލަށް ސިއްޙީ މަންފާ ކުރާނޭފަދަ ގޮތަކަށް ސިއްޙީ ނިޒާމު ބައްޓަން ކުރުންކަމަށް ވެސް ހެލްތު މިނިސްޓަރ އަމީން ވިދާޅުވިއެވެ. އަދި ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ ސިއްޙީ ޙިދުމަތް ފޯރުކޮށް ދިނުމަށް ބޭނުންވާ ނަރުހުންނާއި ޑޮކްޓަރުންނާއި ވަސީލަތްތަތައް ހަމަކުރުމަށް ކަމަށް އަމީން ވިދާޅުވިއެވެ.

 

އެގޮތުން މިއަހަރު ނިމުމުގެކުރިން މީގެ ނަތީޖާ ފެނިގެންދާނެކަމަށާ، މިސަރުކާރުން ސިއްޙީދާއިރާ ކުރިއެރުވުމަށް ވެފައިވާ ވަޢުދުތައް ފުއްދާނީ އޭގެނަތީޖާ މުޅިރައްޔިތުންނަށް ލިބޭނޭހެން ދުރުމުސްތަޤުބަލަށް ބިނާކޮށްގެންކަމަށް ވެސް އަމީން ވިދާޅުވިއެވެ.

 

ސިޔާސީ ބޭނުންތަކަށް ނުވަތަ ވަކިމަންފާތަކެއް ޙާސިލްކުރުމަށް ސިއްޙީނިޒާމާ ކުޅުމުން އޭގެ ނުރަގަޅު ނަތީޖާ މިއަދު ފެންނަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

 

މީގެއިތުރުން މިނިސްޓަރ އަމީން ވިދާޅުވީ ނިމިދިޔަ ފަސް އަހަރު ރާއްޖޭގެ ސިއްޙީ ނިޒާމުގެ ސިޔާސަތުއޮތީ އެއްވެސް ހަރުދަނާކަމެއްނެތި ކަމަށާ، މިއަދު މިދާއިރާއަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ އެއީކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

 

"ރިޔާސީ އިންތިޚާބާ ދިމާކޮށް ސިއްޙީ ޚިދުމަތްދޭ 28 ތަނެއް 24 ގަޑިއިރަށް ބަދަލުކޮށްފައިވަނީ ހަމައެކަނި ނަންބޯޑު ބަދަލުކުރާ އުސޫލުން" ކަމަށާއި "މިބަދަލުން ރައްޔިތުންނަށް ލިބުނު ހިންހަމަޖެހުމެއްވެސް އަދި ސިއްޙީ ޙިދުމަތްދޭ ތަންތަނަށް ލިބުނު ކުރިއެރުމެއްވެސް ނެތް" ކަމަށް ވެސް މިއަދުގެ މަޖިލިސް ޖަލްސާގައި ހެލްތު މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިއަދު އޮންލައިން