މައުލޫމާތު ހިއްސާކުރުމުގެ އެމް.އޯ.ޔޫ އެއްގައި އިންޓަރޕޯލް އާއި ކަސްޓަމްސް ސޮއިކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
މައުލޫމާތު ހިއްސާކުރުމުގެ އެމް.އޯ.ޔޫ އެއްގައި އިންޓަރޕޯލް އާއި ކަސްޓަމްސް ސޮއިކޮށްފި!

ދަ އިންޓަރނޭޝަނަލް ކްރިމިނަލް ޕޮލިސް އޮގަނައިޒޭޝަނަލް ( އިންޓަރޕޯލް ) ގެ ނެޝަނަލް ސެންޓްރަލް ބިއުރޯ އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާ ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފިއެވެ.  

ކަސްޓަމުން ބުނީ މިކަމަށްޓަކައި މިއަދު ހެނދުނު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަޙުމަދު ނުޢުމާން ކަމަށާއި އިންޓަރޕޯލް ނެޝަނަލް ސެންޓްރަލް ބިއުރޯގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ކަމަށެވެ. 

މި އެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ މަސްތުވާތަކެއްޗާއި، ރާއްޖެއެތެރެކުރުން މަނާ ތަކެތި އެތެރެވުން ހުއްޓުވުމާއި އަދި ދިވެހިރާއްޖޭގެ ބޯޑަރ ސަރަޙައްދުގައި ހިންގާ ޤާނޫނާއި ޙިލާފު އަމަލުތައް ހުއްޓުވުމުގައި އިންޓަރޕޯލް މެދުވެރިކޮށް މަޢުލޫމާތު ހިއްސާކުރެވޭނޭ ނިޒާމެއް ޤާއިމްކުރުމެވެ. މީގެ ސަބަަބުން ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި، ބޯޑަރު ސެކިއުރިޓީ ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާވެ ، އިންޓަރޕޯލް އާއި ކަސްޓަމްސްއާ ދެމެދު ފަސޭހަކަމާއިއެކު މަޢުލޫމާތު ބަދަަލުކުރެވޭނެއެވެ.  

މީގެ އިތުރުން ދިވެހިރާއްޖޭގެ ޤާނޫނުތަކުން ކަސްޓަމްސްއަށް މަތިކޮށްފައިވާ ބައިނަލްއަޤްވާމީ ވިޔަފާރިއާއި ދަތުރުފަތުރަށް ރައްކާތެރި، ލުއިފަސޭހަ މާޙައުލެއް ޤާއިމްކޮށްދިނުމާއި ޤާނޫނާއި ޤަވާޢިދުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކޮށް، މަސްތުވާތަކެއްޗާއި އަދި ރާއްޖެ އެތެރެކުރުން މަނާތަކެތި އެތެރެވުމާއި ބޭރުވުން ހުއްޓުވާ، އަދި އެނޫނަސް ޤާނޫނާއި ޤަވާޢިދާއި ޚިލާފު ހަރަކާތްތަކަށް ފާރަވެރިވެ ދިވެހިރާއްޖެއަށް ވަދެނިކުމެވާ ދޮރާށިތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް ހަރުދަނާވެގެންދާނެއެވެ.   

 

 

މިއަދު އޮންލައިން