ރާއްޖެ އެތެރެ ކުރަން އުޅުނު 7 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ރާއްޖެ އެތެރެ ކުރަން އުޅުނު 7 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު  2.5 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. 

ކަސްޓަމްސް އިން ބުނީ 2 މީހެއްގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 2.5 ކިލޯ ހުރިއިރު މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 7 މިލިއަން ރުފިޔާއަށްވުރެ އިތުރުވާން  ކަމަށް ލަފާކުރެވޭ ކަމަށް ވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ. 

ކަސްޓަމްސް އިން ބުނީ މިމަހުގެ 7 ވަނަ ދުވަހު ބްރޭޒިލްއިން އައި 35 އަހަރުގެ ކޮސްޓާ ރިކާގެ އަންހެނެއްގެ ޢަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށާއި މިތަކެތި ފުރަތަމަ މަރުހަލާގެ ތަޙުލީލުން ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވް ވެފައި ކަމަށެވެ. އަދި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގއާއެކު ޖުމްލަ 2.1 ކިލޯ ހުރި ކަމަށެވެ. 

މީގެ އިތުރުން، މިމަހުގެ 5 ވަނަ ދުވަހު އިންޑިއާގެ ޗެންނާއިން ރާއްޖެ އައި 28 އަހަރުގެ ދިވެހި ފިރިހެނެއްގެ ޢަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި   ފެނިފައިވާ ކަމަށެވެ. 

މިތަކެތި ފުރަތަމަ މަރުހަލާގެ ތަޙުލީލުން ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލްއަށް ޕޮޒިޓިވް ވެފައިކަމަށާއި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގއާއެކު ޖުމްލަ 395 ގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ބުނެއެވެ. 

އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައިވާކަމަށާއި އެފަރާތުން ގެންދަނީ މި މައްސަލަތައް އިތުރަށް ތަޙްޤީގްކުރަމުން ކަމަށްވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.

މިއަދު އޮންލައިން