އުމުރުން ތޭރަ އަހަރުގެ ކުއްޖަކަށް ދޮންބައްޕަ ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ!

ކިޔުމަށް ހޭދަވާނީ 2މ 41ސ
އުމުރުން ތޭރަ އަހަރުގެ ކުއްޖަކަށް ދޮންބައްޕަ ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ!

އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އޭނާގެ ދޮންބައްޕަ ޖިންސީ ގޯނާ ކުރި މައްސަލައެއް މިއަދު ފެންމަތިވެއްޖެއެވެ.

މިކަމާއި ގުޅޭގޮތުން ޓްވިޓާގައި އަންހެނަކު ކުރި ޓްވީޓްތަކެއްގައި ބުނެފައިވަނީ، ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވަނީ އޭނާގެ އާއިލާ ކުއްޖެއްކަމަށާއި 13 އަހަރުގެ އެކުއްޖާއަށް އޭނާގެ ދޮންބައްޕަ ޖިންސީ ގޯނާ ކުރަމުންދާތާ މިހާރު ތިން އަހަރު ވެފައިވާ ކަމަށެވެ.

އަންހެން މީހާ ބުނިގޮތުގައި މިއަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހު އެމީހުން ވަނީ މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ. ނަމަވެސް މައްސަލަ ރިޕޯޓު ކުރިތާ މިއަދަށް 21 ދުވަސްވެފައިވާއިރު އަދިވެސް މިކަމާއިމެދު އެއްވެސް ފިޔަވަޅެއް އެއްވެސް މުއައްސަސާއެއްގެ ފަރާތުން އަޅާފައިނުވާކަން އޭނާ ފާހަގަ ކޮށްފައިވެއެވެ.

މައްސަލަ ރިޕޯޓު ކުރި ދުވަސް ނޫން އަނެއް ދުވަހު އޭނާއާއި އެކުޑަ ކުއްޖާގެ ބަޔާންވެސް ނެގިކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އޮފިސަރެއް ހަމަޖައްސައިދޭނެ ކަމަށް ފުލުހުން ބުނެފައިވާކަމަށް ވެސް އޭނާ ޓްވީޓް ކޮށްފައިވެއެވެ.

ނަމަވެސް އޭގެ އަނެއް ދުވަހު 119 ގެ ފަރާތުން އޭނާއަށް މެސެޖެއް ލިބުނު ކަމަށާއި އޭގައި އޮތީ ހުށަހެޅުނު މައްސަލަ "ކްލޯސް" ކުރެވިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އެކަމާއި ބެހޭ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓްގައި ސުވާލު ކުރުމުން، އެމެސެޖު ފޮނުވުނީ އޮޅުމަކުން ކަމަށް ބުނި ކަމަށާއި އެހަފްތާގެ ބުދަ ދުވަހު އެމައްސަލަ ބެލުމަށް އޮފިސަރެއް ހަމަޖެހުނު ކަމަށް ވެސް އޭނާގެ ޓްވީޓުގައި ބުނެފައިވެއެވެ.

ނަމަވެސް ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުޑަ ކުއްޖާގެ މަންމަގެ ބަޔާނެއްވެސް އެއިރު ނަގާފައިނުވާތީ ބުރާސްފަތި ދުވަހުގެ ރޭ އޮފިސަރަށް އޭނާ ގުޅި ކަމަށާއި މައްސަލަ ނުބެލި ގިނަ ދުވަސްވާތީ އޭނާ އަމިއްލައަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކަށާއި އަންހެނުންގެ ޚާއްސަ ޑޮކްޓަރަކަށް ވެސް އެޕޮއިންޓްމެންޓް ހެއްދި ކަމަށް އޭނާ ބުނެފައިވެއެވެ. އަދި މީގެއިތުރުން މިހުރިހާ ކަމެއްގެ ސަބަބުން ކުޑަކުއްޖާއަށް ފުންއަސަރުތަކެއް ކޮށްފައިވުމުގެ ސަބަބުން އެކުއްޖާއަށް ތެރަޕީ ނަގައިދިނުމަށް ވެސް އޭނާ ހަމަޖައްސައިދިން ކަމަށް ޓްވީޓްކުރި އަންހެން މީހާ ބުނެފައިވެއެވެ. އޭނާ ބުނިގޮތުގައި އެކުއްޖާއަށް ތެރަޕީ ދޭން ފުލުހުންނަށް ހަމަޖައްސައިދެވޭނީ 10 ދުވަހުގެ ޢީދު ބަންދަށްފަހުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮންމެ އެޕޮއިންޓްމެންޓަކަށް ފަހުވެސް ކުއްޖާގެ ދޮންބައްޕަގެ ފަރާތުން ބިރުދެއްކުމުގެ އިންޒާރުތަކެއް ލިބެމުންދިޔަކަން އޭނާ މައްސަލަ ތަހުގީގުކުރާ އޮފިސަރަށް އެންގިކަމަށާއި މައްސަލަ ބަލައިދިނުން އަވަސް ކޮށްދިނުމަށް ވެސް އެދުނުކަމަށް ބުންޏެވެ. ނަމަވެސް ތަހުގީގުގެ މަރުހަލާއަށް ނަފްސާނީބަލީގެ ޑޮކްޓަރަކަށް ވެސް ދެއްކި ކަމަށާއި އެކަންކަމުގެ ސަބަބުން އެކުޑަ ކުއްޖާއަށް އިތުރަށް ނަފްސާނީގޮތުން އަސަރު ކުރަމުން ދިޔަ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މިޓްވީޓްތައް ވިދާޅުވުމަށްފަހު ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދް ވިދާޅުވީ، މައްސަލަ ކްލޯސް ކުރެވިފައިވާ ކަމަށް މެސެޖު ގޮސްފައިއެވަނީ މެޝިނަށް ޖެހުނު މައްސަލައަކުން ކަމަށާއި މިމައްސަލަ ތަހުގީގު ކުރުމަށް ހަވާލުކުރެވިފައިވާ އޮފިސަރުންނާއި މިވަގުތު ވާހަކަދައްކަވަމުން ގެންދަވާ ކަމަށެވެ. އަދި މިކަމާއި ގުޅޭގޮތުން ޓްވީޓްކުރި މީހާއަށް އަވަސް ޖަވާބެއް ދެއްވާނެ ކަމަށް ވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

މިއަދު އޮންލައިން