"ބަވަތި" ގެ އޮން-ޑިމާންޑް ޕާޓްނަރަކަށް، ދިރާގު ޓީވީ!

ކިޔުމަށް ހޭދަވާނީ 2މ 23ސ
"ބަވަތި" ގެ އޮން-ޑިމާންޑް ޕާޓްނަރަކަށް، ދިރާގު ޓީވީ!

ދިވެހި ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ "އައިފިލްމްސް" ޕްރޮޑަކްޝަންގެ ފުރަތަމަ އުފެއްދުން ކަމަށްވާ ފިލްމު "ބަވަތި" އަންނަ މަހުގެ ދެވަނަ ދުވަހު ޕްރިމިއާރ ކުރުމަށް ހަމަޖެހިފައިވާއިރު، އެފިލްމު ބަލައިލުމަށް ކެތްމަދުވެފައިވާ ބެލުންތެރިންނަށް މިއަދު މިވަނީ އެހެން އުފާވެރި ޚަބަރެއް ވެސް ލިބިފައެވެ.

"ބަވަތި" ޕްރިމިއަރ ކުރުމަށްފަހު މިހާރު ގިނަ ދިވެހިން ބޭނުންކުރަމުން އަންނަ ދިރާގު ޓީވީ އިން އެފިލްމު ދެއްކުމަށްވަނީ ހަމަޖެހިފައެވެ.

ދިރާގު ޓީވީ އާއި މިފިލްމުގެ ޕްރޮޑަކްޝަން ޓީމާއި ދެމެދު އިއްޔެ އެއްބަސްވުމެއްގައި ސޮއި ކުރެވިފައިވާއިރު، މިކަމާއި ގުޅޭގޮތުން "މިއަދުނޫހަށް" މައުލޫމާތު ދެމުން ދިރާގު ޓީވީން ބުނީ "ބަވަތި" މިފިލްމު ދިރާގު ޓީވީން ގަތީ، އެޓީވީގެ "އޮން ޑިމާންޑް ޕްލެޓްފޯމް" އަށް ލާން ވެގެން ކަމަށެވެ.

"ބަވަތި މިފިލްމު ގަތީ އޮން ޑިމާންޑް ޕްލެޓްފޯމަށް ލާން ވެގެން. މިއީ މިއަހަރުގެ ޖުލައި މަހުގަ ހުޅުވާލި ފީޗަރ އެއް. މިފިލްމު ސްކްރީން ކުރުމަށްފަހު ދިރާގު ޓީވީން އަޅުވާނީ އެކަމަކު އަދި ވަކި ދުވަހެއް ބުނެލާކަށް ނޭނގޭ" ދިރާގު ޓީވީން މައުލޫމާތު ދިން މުވައްޒިފަކު ބުންޏެވެ.

"ބަވަތި" ދިރާގު ޓީވީން ދެއްކުމަށް ހަމަޖެހިފައިވަނީ، މުޅި ފިލްމު އެއްކޮށެވެ.

އަންނަ މަހުގެ ދެވަނަ ދުވަހު ރިލީޒް ކުރާ މިފިލްމުގެ ޓިކެޓް އިއްޔެއިން ފެށިގެން އޮލިމްޕަހުން ވަނީ ވިއްކަން ފަށާފައެވެ.

"ބަވަތި" މިފިލްމުން ފެނިގެންދާނީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ފުންނާބު އުސް އެއްފަރާތް ކަމުގައިވާ ކުޅަދާނަ އެކްޓްރެސް ނުޒުހަތު ޝުއައިބު (ނުޒޫ) އާއި ފީޗަރ ފިލްމަކުން އަލަށް ފެނިގެންދާ ބަޠަލު އަހުމަދު އިފްނާޒް ފިރާގެވެ.

މިފިލްމުގެ ޓްރެއިލާރ ފެށިގެންދަނީ ފިލްމުގެ ދެ ލީޑް އެކްޓަރުން ކަމަށްވާ (ނުޒޫ) އާއި އިފްނާޒް، ފިލްމުގެ ނަމުން ނަމަ ޝެހެނާޒް އާއި އިބޫ، ގެ ވާހަކަތަކަކުންނެވެ. އެވާހަކަތަކުން ވެސް ޝެހެނާޒް އުޅެނީ ބޮޑު ކަންތައްގަނޑެއްގެ ތެރޭގައި ކަމާއި، އެކަންކަމުގެ ވާހަކަ އެރަށުތެރޭގައި ވެސް ދެކެވުމުންދާކަން ހާމަވެގެންދެއެވެ. ނަމަވެސް އެފަދަ ވާހަކަތަކަށް ފަރުވާލެއް ނުބަހައްޓާ އިބޫ ޝެހެނާޒް އާއި ކައިވެނި ކުރަނީ ވަރަށް ލޯބިންނެވެ. އޭނާއާއެކު ޝެހެނާޒް މާލެ ވެސް ގެނެއެވެ. ނަމަވެސް... ދެން ކަންތައްތައްވަމުން އަންނަނީ ބެލުންތެރިން ވަރަށް ވެސް ހިތް އަވަސް ކުރުވާފަދަ ގޮތަކަށެވެ.

ކޮންމެހެނަކަސް، "ބަވަތި" ގެ ހަގީގަތާއި މޮޅުކަން ބެލުންތެރިންނާއި ހަމައަށް ހާމަވާން ދެން އޮތީ މަދު ދުވަސްކޮޅެކެވެ. ސެޕްޓެމްބަރ މަހުގެ ދެވަނަ ދުވަހު މިފިލްމު އޮލިމްޕަހު ސްކްރީނުގައި ޕްރިމިއަރ ކުރާއިރު، މިހާރުވެސް ގިނަ ބަޔަކު ތިބީ މިފިލްމު ބެލުމަށް ކެތްމަދުވެފައެވެ.

"ބަވަތި" އަށް ޓިކެޓު ނެގުމާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް 7390005 އަށް ގުޅުއްވާލައްވާ!

މިއަދު އޮންލައިން