މިދިޔަ އޭޕްރިލް މަހު ޝްރީ ލަންކާގައި ދިން ބޮމުގެ ޙަމަލާތަކަށްފަހު އެ ޤައުމުގައި އިޢުލާންކުރި ކުއްލި ޙާލަތު ބާޠިލްކޮށްފިއެވެ.
އޭޕްރިލް މަހުގެ 21ވަނަ ދުވަހު ސްރީ ލަންކާގެ ފައްޅިތަކާ މަތީ ފަންތީގެ ހޮޓާތަކަކަށް އަމާޒުކޮށް ދިން ޙަމަލާތަކުގައި 250 އަށްވުރެ ގިނަ މީހުން މަރުވެ، 500 އަށްވުރެ ގިނަ މީހުންވަނީ ޒަޚަމްވެފައެވެ. މި ޙަމަލާ ދީފައިވަނީ ސްރީލަންކާގައި ޙަރަކާތްތެރިވާ ހައްދު ފަހަނައަޅާފައިވާ ޖަމާޢަތަކުންކަމަށް އެޤައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.
މި ޙަމަލާތަކަށްފަހު ޝްރީ ލަންކާގައި އިޢުލާންކުރި ކުއްލި ޙާލަތުގެ ދަށުން އެ ޤައުމުގެ ސަލާމަތީ ބާރުތަކަށް އިތުރު ބާރުތަކެއް ލިބިގެންދިޔައެވެ. މީގެ ތެރޭގައި މި ޙަމަލާއާ ގުޅުން ހުރިކަމަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލާ ސުވާލުކޮށް ހިފެހެއްޓުމުގެ ބާރު ހިމެނެއެވެ.
ޝްރީ ލަންކާގެ ފުލުހުންގެ ތަރުޖަމާނު ބުނެފައިވަނީ ކުއްލި ޙާލަތާ ގުޅުން ހުރި ޤާނޫނު ތަންފީޒުކުރަން ހުއްޓާލި ނަމަވެސް އެ ޤައުމުގެ ދާޚިލީ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ފުލުހުންނަށް އެހީވަމުންދާނެކަމަށެވެ.
ޝްރީ ލަންކާގެ ރައީސް މައިތިރީޕާލާ ސިރިސޭނާ ވިދާޅުވެފައިވާ ގޮތުގައި މި ޙަމަލާތަކާ ގުޅުން ހުރި ކަމަށް ބެލެވޭ އެންމެން މިހާރުވަނީ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.