ރައްޔިތުންގެ މަޖިލީހުން ނިންމާ ކަންކަން ނިންމަންޖެހޭނީ ކީރިތި ޤްރުއާނާ އެއްގޮތަށްކަން އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ފާހަގަކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަލީމް ވިދާޅުވީ ޢަލީގެފާނުގެ އައްޑަނަކޮޅުގެ ޝަރީޢަތް ކުރެއްވެވި ޤާޟީ ސުރައިޚަށް ޢުމަރުގެފާނުގެ ޚަލީފާ ކަމުގައި ސިޓީފުޅެއް ފޮނުއްވެވި ކަމަށާއި އެ ސިޓީފުޅުގައި ވަނީ މައްސަލަތައް ނިންމަވާއިރު ފުރަތަމަ ކީރިތި ޤްރުއާނަށް ބެއްލެވުމަށް ކަމަށެވެ. ކީރިތި ޤްރުއާނުން ޙައްލު ފެނިވަޑައިނުގެންފިނަމަ ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުތަކުން ބެއްލެވުމަށެވެ. އަދި މިދެ ގޮތުން ވެސް ފެނިވަޑައި ނުގެންފި ނަމަ ދަންނަބޭކަލުންނާއި މަޝްވަރާކުރެއްވުމަށެވެ. އަމިއްލަފުޅު އިޚްތިޔާރު އަންނަނީ އެ ހުރިހާ ކަމެއްގެ ފަހަތުން ކަމަށެވެ.
ސަލީމް މަޖިލީހުގައި މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު ޝަރީޢަތް ކުރުމާއި ބެހޭ ގޮތުން މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނުތައް ފާސްކޮށްފައި ހުރީ އިސްލާމީ ޝަރީޢާއަށް ބެލުމެއް ނެތިއެވެ. އެ ޤާނޫނުތައް އެގޮތަށް ފާސްކޮށްފައި ހުއްޓައި ކީރިތި ޤްރުއާނާއި ނުވަތަ އިސްލާމީ ޝަރީޢާ އާއި އެއްގޮތަށް ފަނޑިޔާރުންނަށް ޙުކުމް ނުކުރެވޭނެކަން ފާހަގަކުރެވެއެވެ.
ސަލީމް ވިދާޅުވީ ބޭނުމަކީ ސްޕްރީމް ކޯޓުގެ 5 ފަނޑިޔާރުން ވަކިކުރަން ބޭނުންވާ ނަމަ ޖޭއެސްސީ މެދުވެރިކޮށް އެ މައްސަލަ މަޖިލީހަށް ގެނައުމުން އެއީ ކުރެވެން އޮތް ކަމެއް ކަމަށެވެ. އަދި ސްޕްރީމް ކޯޓަކީ ރާއްޖޭގެ ޤާނޫނީ 3 ބާރުގެ ތެރެއިން އެއް ބާރު ކަމަށާއި އެހެންކަމަށްވުމުން ސްޕްރީމް ކޯޓު ފަޟީޙަތް ކުރުމަކީ ކުރަން އެހައި ރަނގަޅުކަމެއް ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
ސަލީމް ވިދާޅުވީ ޝަރުޢީ ނިޒާމް އިޞްލާޙްކުރަން ހުރިހާ ރައްޔިތުން ވެސް ބޭނުންވާނެ ކަމަށެވެ. އެކަން ބޭނުން ނުވާނެ ހަމަ އެކަކުވެސް ދުނިޔޭގައި ނުހުންނާނެ ކަމަށެވެ. އަދި އެއީ ކުރަންވެސް ޖެހޭނެ ކަމެއް ކަމަށެވެ. "އެހެން ނަމަވެސް ސުވާލު އުފެދެނީ މިއުޅެނީ އެހެން ބައެއްގެ އަތްމައްޗަށް ޝަރުޢީ ނިޒާމު ގެންދަން ކަމާއިމެދު.
"ނަމަވެސް މިހާރު މިކުރެވޭ ކަންކަމަކީ އެ މަޤްޞަދު ޙާޞިލުކުރަން ކުރާ ކަންކަން ކަމާއިމެދު ސުވާލު އުފެދޭ. ﷲ ތަޢާލާ ފޮނުއްވެވި 124،000 ނަބީބޭކަލުންނާ ރަސޫލް ބޭކަލުން ފޮނުއްވެވުމުގެ އެންމެ ބޭނުންފުޅަކީ މީސްތަކުންނަށް އަދުލު އިންޞާފް ޤާއިމުކޮށްދެއްވެވުން."
ސްލީމް ވިދާޅުވީ އިސްލާމީ ޝަރީޢަތަކީ ބޭރުފުށަށް ކުރެވޭ ކަމަކަށް ވުމާއިއެކު ކުށްކުރި މީހާ ސަލާމަތްވެފައި ކުށް ނުކުރާ މީހާ ބެދޭތަންވެސް އަންނަ ކަމަށެވެ. "ކުށްކުރި މީހާ މޮޅަށް ވާހަކަ ދައްކައިގެން ސަލާމަތްވުމަކީ ވަރަށް ގިނަ ފަހަރު ހިނގާ ކަމެއް."
ސަލީމް ވިދާޅުވީ ޢަލީގެފާނުގެ އައްޑަނަކޮޅުގެ މައްސަލައެއްގައި ޢަލީގެފާނު ޔަހޫދީއެއްގެ މައްޗަށް ދައުވާ ކުރެއްވި ކަމަށާއި ޝަރީޢަތް ކާމިޔާބުކުރީ ޔަހޫދީ މީހާ ކަމަށެވެ. ނަމަވެސް ޝަރީޢަތް ހިނގައިދިއަގޮތް ފުރިހަމަކަމުން އެ މީހާ ފަހުން އިސްލާމްވެ އައްޑަނަކޮޅު ޢަލީގެފާނާއި ޙަވާލުކުރި ކަމަށެވެ.