ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން 1.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ.
މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާ އެކު ދައުލަތުގެ ބަޖެޓު 31.9 ބިލިއަނަށް އިތުރުވެގެންދާނެއެވެ. މީގެކުރިން މި އަހަރަށް ހަރަދު ވާނެ ކަމަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ވަނީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވެއެވެ.
މި ސަޕްލިމެންޓްރީ ބަޖެޓްގައި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކާއި ގުޅިގެން ލޯން އަދި ސްކޮލަޝިޕްގެ ފުރުސަތުތަކަށް ހިނގާނެ ކަމަށް ލަފާކުރާ ހަރަދުގެ ގޮތުގައި 300.0 މިލިއަން ރުފިޔާ އިތަރަށް ހިނގާނެ ކަމަށް ލަފާކޮށްފައިވާއިރު އެތެރޭގެ ވައިގެ ދަތުރުގެ އަގުހެޔޮކުރުމަށް އައިލެންޑް އޭވިއޭޝަނަށް 35.0 މިލިއަން ރުފިޔާ ދިނުމަށް ވަނީ ހިމަނާފަ އެވެ. އަދި ކަރަންޓްގެ އަގު ހެޔޮކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 24.4 މިލިއަން ރުފިޔާ ދިނުމަށް ވެސް ވަނީ ހިމަނާފައެވެ.
ރައީސް ސޯލިހުގެ އިތުރު ރިޔާސީ ވައުދެއް ކަމަށްވާ ނާސްތާ ޕްރޮގްރާމަށް ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ 81.0 މިލިއަން ރުފިޔާ ބަޖެޓަށް އިތުރު ކުރުމަށް ވެސް ވަނީ ހިމަނާފަ އެވެ.
މީގެއިތުރުން ރާއްޖޭގެ ފަސް ސަރަހައްދުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކެއް ތަރައްގީ ކުރުމަށް އިތުރަށް ހަރަދުވާނެ ކަމަށް ލަފާކުރާ 294.5 މިލިއަން ރުފިޔާ ވަނީ ސަޕްލިމެންޓްރީ ބަޖެޓްގައި ހިމަނާފައިވާއިރު ހުޅުމާލޭ ހޮސްޕިޓަލްގައި އާސަންދަ ކުންފުނި މެދުވެރިކޮށް ފެށުމަށްފަހު، ހުއްޓިފައިވާ މަޝްރޫއުތައް އަލުން ފަށައި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް 150 މިލިއަން ރުފިޔާ ވެސް ވަނީ ސަޕްލިމެންޓްރީ ބަޖެޓްގައި ހިމަނާފައެވެ.
މި ސަޕްލިމެންޓްރީ ބަޖެޓަށް ބޭނުންވާ އިސްލާހުތައް ހުށަހެޅުމުގެ ފުރުސަތު މާދަމާ ރޭގެ ނިޔަލަށް އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލިހަށް ފޮނުއްވި ސިޓީއާ ގުޅިގެން ބަޖެޓް ބަލައިގަނެ، ބަޖެޓު މާދަމާ ރޭ މަޖިލިހުން ނިންމުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.