ޑރ. އަޒްމިރަލްދާ ޒާހިރު އަދި އައިޝާ ޝުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ރުހުން ދީފިއެވެ.
މިރޭ ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި އަޒްމިރަލްދާ އަދި ޝުޖޫންއަށް ރުހުން ދިނުމަށް ކޮމިޓީގައި ބައިވެރިވި ހުރިހާ މެމްބަރުން ވެސް ވަނީ ވޯޓު ދީފައެވެ.
މި އެމައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވީ މިހާރު ކުރިއަށް ދާ ޖަލްސާގަ އެވެ.
އަޒްމިރަލްދާ އަކީ ހައި ކޯޓުގެ ބެންޗުގައި މިހާތަނަށް ހިމެނުނު ހަމައެކަނި އަންހެން ފަނޑިޔާރެވެ. ފަނޑިޔާރުކަމުން 2016 ގައި އިސްތިއުފާ ދެއްވި އަޒްމިރަލްދާ އަކީ ޕީއެޗްޑީއެއް ހާސިލް ކުރައްވައިގެން ރާއްޖޭގައި ފަނޑިޔާރު ކަން ކުރެއްވި ދެ ބޭފުޅުންގެ ތެރެއިން އެކަކެވެ. ބާ ކައުންސިލްގެ މެމްބަރު އައިޝާ ޝުޖޫން މުހައްމަދަކީ ސިވިލް ކޯޓުގެ ގާޒީކަން ކުރައްވާފައިވާ ބޭފުޅެކެވެ.