ވަގަށް އެތެރެކުރި 3 ކާރާ، 2 ޕިކަޕާ 2 ވޭނާ ސާދަ ސައިކަލު އަތުލައިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ވަގަށް އެތެރެކުރި 3 ކާރާ، 2 ޕިކަޕާ 2 ވޭނާ ސާދަ ސައިކަލު އަތުލައިގެންފި

 ރާއްޖެއަށް ވަގަށް އެތެރެކުރި 3 ކާރާއި 2 ޕިކަޕް، 2 ވޭން އަދި 14 ސައިކަލު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ. 

ކަސްޓަމްސް އިން ބުނީ މިހިނގާ އޮގަސްޓް 24 ވަނަ ދުވަހު ރާއްޖެއަށް ލަކުޑި އެތެރެކުރުމުގެ ނަމުގައި ގެނެވުނު 2 ކޮންޓެއިނަރެއްގައި ކާރާއި ސައިކަލްތަކެއް ވަގަށް ރާއްޖެއަށް އެތެރެކުރަމުންދާކަމުގެ މަޢުލޫމާތު ލިބުމުން ކަސްޓަމްސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ހިންގުނު އޮޕަރޭޝަނުން މިހައިތަނަށް ވަނީ މި 21 ވެހިކަލް ކަސްޓަމްސްގެ ބެލުމުގެދަށަށް ގެންގޮސްފައިކަމަށެވެ. 

 

މި ވެހިކަލްތަކުގެ ޖުމްލަ ސީ.އެންޑް.އެފް އަގު 586000 ރުފިޔާއަށް އަންދާޒާ ކުރެވޭއިރު މިތަކެތީގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް 855000 ރުފިޔާ ލިބެން ޖެހޭނެ ކަމަށް އަންދާޒާ ކުރެވެއެވެ. 

މި މައްސަލަ ކަސްޓަމްސްއިން މިހާރު ދަނީ ތަހުޤީޤު ކުރެވެމުންނެވެ. އަދި މި އޮޕަރޭޝަންގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

މިފަދަ މައްސަލަތަކާއި ގުޅިގެން ކަސްޓަމްސްއިން ފޯރުކޮށްދެވޭ ޚިދުމަތްތަކާއި މުއައްސަސާގެ ނަޒާހަތްތެރިކަން ޤާއިމުކޮށް ނެގެހެއްޓުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އެއްވެސް ފަސްޖެހުމެއްނެތި އަޅަމުންދާނެކަމުގެ ޔަޤީންކަން އެންމެހައި ރައްޔިތުންނަށް އަރުވާ ކަމަށްވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.

މިއަދު އޮންލައިން