ހަތަރުވަނަ ސައުތު އޭޝިއަން ސްޕީކާރސް ސަމިޓްގައި ބައިވެރިވުމަށް އިންޑިއާ އާއި އަފްގާނިިސްތާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސުން މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ލޯކް ސަބާގެ ރައީސް އޯމް ބިރްލާގެ އިތުރުން އަފްގާނިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ރަހްމާން ރަހްމާނީ ރާއްޖެ ވަޑައިގަތުމުން އެބޭފުޅުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ، ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު އާއި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.
ދެޤައުމުގެ މަޖިލީހުގެ ރައީސުން ރާއްޖެ ވަޑައިގެންފައި ވާއިރު ސްޕީކާސް ސަމިޓްގައި ބައިވެރިވުމަށް އިތުރު ހަ ގައުމެއްގެ މަޖިލީހުގެ ރައީސުން ރާއްޖެ ވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް، ބޫޓާން، ޕާކިސްތާން، ސްރީލަންކާ، މިޔަންމާ އަދި ނޭޕާލް ވެސް ހިމެނެއެވެ.
މަޖިލީހުގެ ރައީސުންގެ އިތުރުން ވެސް އެކި ފެންވަރުގެ ބޭފުޅުން މި ސަމިޓްގައި ބައިވެރިވުމަށް ރާއްޖެ ވަޑައިގަންނަވާނެއެވެ. އެގޮތުން ނުވަ ގައުމުގެ ގާނޫނުގެ ހަދާ މަޖިލީހުން 40 އަށް ވުރެ ގިނަ ބޭފުޅުން ސަމިޓްގައި ބައިވެރިވާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ރާއްޖޭގައި ބޭއްވޭ ސަމިޓްގެ މައިގަނޑު މައުލޫއެއް ގޮތުގައި ކަނޑައަޅާފައި ވަނީ ސަސްޓައިނެބަލް ޑިވަލަޕްމަންޓް ގޯލްސް ނުވަތަ ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތަކުގެ މައްޗަށެވެ.