މީހެއްގެ ސައިކަލެއް ވަގަށް ނަގައިގެން، ކޮންތާކަށް ތިދަނީ؟

ކިޔުމަށް ހޭދަވާނީ 1މ 48ސ
މީހެއްގެ ސައިކަލެއް ވަގަށް ނަގައިގެން، ކޮންތާކަށް ތިދަނީ؟

މީހުންގެ އަގުބޮޑެތި މުދާ، ވަގަށް ނަގައިގެން ހިފައިގެން ދިޔުމަކީ ބައެއް ދިވެހިން އެއްވެސް ފިކުރެއް ޙިޔާލެއްނެތި ކުރަމުންދާ ވަރަށް ނޭދެވޭ ކަމެކެވެ. ވައްކަން ކުރުމަކީ ދީނީ ގޮތުން ވެސް ކިހާ ނުބައިކަމެއްކަން ނުވިސްނޭ ހާލު، ހައްޔަރު ކޮށްފިނަމަ ޖަލުގައި ދުވަސްތަކެއް ހޭދަ ކުރަން ޖެހުމާއި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކޮށްފާނެކަމުގެ ބިރެއް ވެސް އެފަދަ މީހުންގެ ނުހުންނަނީއެވެ. ވައްކަން ކުރާ މީހުންނަށް އިސްލާމީ ޝަރީޢަތުގައި އޮންނަ ހުކުމަކީ އަތް ކެނޑުމެވެ. 

 

ވީޑިއޯއިން މިފެންނަނީ މީހެއްގެ އަގުބޮޑު ސައިކަލެއް ވަގަށް ނަގައިގެންދާ މަންޒަރެވެ. މިމަހުގެ 4 ވަނަ ދުވަހުގެ ރޭ ހުޅުމާލެ 147 ވަނަ ފްލެޓު ކައިރީގައި ޕާރކް ކޮށްފަހުރި ޖީއެން ސައިކަލެއް ވަގަށް ނަގައިގެން ގެންދާތަން، އެތަނުގައި ބަހައްޓާފައިހުރި ސީސީޓީވީ ކެމެރާއިން ވަނީ ރިކޯޑު ކުރެވިފައެވެ.

 

ސައިކަލުގެ ވެރިފަރާތުންވަނީ، ވައްކަންކުރި މީހާއަށް ސޯޝަލް މީޑިއާ މެދުވެރިކޮށް އިންޒާރެއްވެސް ދީފައެވެ. ސައިކަލުގެ ފޮޓޯއަކާއެކު މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ ޕޯސްޓެއްގައި ވެރިފަރާތުން އަހާފައިވަނީ، އެސައިކަލު ވަގަށް ނެގިއިރު އެތަނުގައި ބަހައްޓާފައިހުރި ސެކިއުރިޓީ ކެމެރާވެސް ނުފެނުނުތޯއާއި ސައިކަލު އަނބުރާ ރައްދު ނުކޮށްފިނަމަ ވަގުކަލޭގެގެ "ވަރަށް ލޯބި" ވީޑިއޯކޮޅެއް އާންމު ކުރާނެ ކަމަށެވެ. އަދި ހަމަ އެރޭ، އެވީޑިއޯތައް އޭނާވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.

އެނގިފައިވާ ގޮތުގައި މިވައްކަމުގައި ދެމީހަކު ބައިވެރިވެފައިވެއެވެ. ދެމީހުން އައި ސައިކަލު ފުރަތަމަ އެފްލެޓު ކައިރީގައި ޕާރކު ކޮށްފައި، އެކަކު ގޮސް އެމީހުން ކަޅިއަޅަމުން ދިޔަ ޖީއެން ސައިކަލުގެ ލޮކް މަޑުމަޑުން ހަލާކު ކޮށްލައެވެ. އޭގެ ފަހުން ދެމީހުން ދެ ސައިކަލުގައި ދާތަން ވެސް ވީޑިއޯތަކުން ފެނެއެވެ.

މިހާދިސާ "މިއަދުނޫހަށް" ކިޔާ ދިން ފަރާތުން ބުނެފައިވަނީ، މިމައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، ފުލުހުންވެސް މިމައްސަލަ ބަލަމުންދާ ކަމަށެވެ.

 

ވީޑިއޯއިން ފެންނަ މީހުންނާއި ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، ވީއެންމެ އަވަހަކަށް ފޭސްބުކްގައި މިކަމާއި ގުޅޭގޮތުން އިން ޕޯސްޓު މެދުވެރިކޮށް ވިޔަސް އަންގާދިނުމަށް، ނުވަތަ ފުލުހުންނާއި އެމައުލޫމާތު ހިއްސާ ކޮށްދިނުމަށް ސައިކަލުގެ ވެރިފަރާތުން އެދިލައްވާފައިވެއެވެ.

 

މިއަދު އޮންލައިން