ކެމެރޫންގެ ކުރީގެ ކެޕްޓަން ސެމިއުލް އެޓޫ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ކިޔުމަށް ހޭދަވާނީ 1މ 13ސ
ކެމެރޫންގެ ކުރީގެ ކެޕްޓަން ސެމިއުލް އެޓޫ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ކެމެރޫންގެ ކުރީގެ ކެޕްޓަން ސެމިއުލް އެޓޫ ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

އޭނާ ކުޅުން ހުއްޓާލީ ޕްރޮފެޝަނަލް ކެރިއަރއެއްގެ ގޮތުގައި 22 އަހަރު ފުޓްބޯޅަ ކުޅުމަށް ފަހުއެވެ.

ރެއާލް މެޑްރިޑުން ސީނިއަރ ކެރިއަރ ފެށުމަށްފަހު، 2004 ވަނަ އަހަރު ބާސާއަށް ބަދަލުވެ އެޓޫ ވަނީ އެ ޓީމަށް ސްޕެނިޝް ލީގްގެ ޗެމްޕިއަންކަން ދެ ފަހަރަށް ހޯދައިދީ، ޗެމްޕިއަންސް ލީގް ދެ ފަހަރަށް ކާމިޔާބު ކޮށްފައެވެ.

ބާސާގައި އޭނާދެއްކި މޮޅު ކުޅުމުގެ ސަބަބުން މުޅި ދުނިޔޭގައި އޭނާ މަޝްހޫރުކަން ހޯދާ ބާސާގައި ފަސް އަހަރު އޭނާ ހޭދަކުރިއެވެ. އަދި އިންޓަރ މިލާނަށް ބަދަލުވެ، ހޯޒޭ މޮރީނިއޯ އިންޓަރ މިލާން އާއެކު 2009 ވަނަ އަހަރު ސީޒަންގެ ބޮޑު ތިން ތަށި ކާމިޔާބު ކުރިއިރު އެ ކާމިޔާބުގައި އެންމެ މުހިންމު ކުޅުންތެރިޔަކީ އެޓޫއެވެ.

ޢުމުރުން އެންމެ 16 އަހަރުގައި ކެމެރޫންގެ ޓީމަށް ކުޅެންފަށާފައިވާ އެޓޫ ވަނީ ޤައުމީ ޓީމަށް 118 މެޗުގައި 53 ލަނޑު ޖާހަފައެވެ.

އޮސްޓްރޭލިއާގައި 2000 ވަނަ އަހަރު ބޭއްވި އޮލިމްޕިކް ގޭމްސްގެ ފުޓްބޯޅަ އިވެންޓުން ކެމެރޫން ގޯލްޑް މެޑަލް ހޯދިއިރު އެ ކާމިޔާބުގައި ހިއްސާވި އެޓޫ ވަނީ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަތަރު ފަހަރަށް ހޯދާފައެވެ. އަދި ކެމެރޫން ޤައުމީ ޓީމާއެކު އެފްރިކާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް އެފްރިކަން ކަޕް އޮފް ނޭޝަންގެ ޗެމްޕިއަންކަންވެސް އޭނާ ވަނީ ހޯދާފައެވެ.

މިއަދު އޮންލައިން