ހުޅުމާލޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ސްޓޭޑިއަމް މަޝްރޫޢޫގެ މަސައްކަތްތައް ފެށުމާއި ގުޅޭ އެއްބަސްވުމެއްގައި ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) އާއިއެކު ދިވެހި ސަރުކާރުން ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޗައިނާގެ ވެރިރަށް ބެއިޖިންއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ސޮއިކުރެވުނު މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލްއެވެ. އަދި ސީ.އެމް.އީ.ސީ ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ އަދި ދިވެހިރާއްޖޭގެ ސީ.އެމް.އީ.ސީ އޮފީހުގެ ރެޕްރެޒެންޓޭޓިވް މރ. ލިއު ޝިއައޯޑާ އެވެ.
މި އެއްބަސްވުމުގެ ދަށުން 4 މަސްދުވަހުގެ ތެރޭގައި މަޝްރޫޢާއިގުޅޭ އެންމެހާ ދިރާސާތައްކޮށް، ސީ.އެމް.އީ.ސީ. ލިޔެކިޔުންތައް ދިވެހި ސަރުކާރަށް ހުށަހަޅަންޖެހެއެވެ.
ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި، ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާގެ އިތުރުން ސީ.އެމް.އީ.ސީ ކުންފުނީގެ އެގްޒެކެޓިވް ޑައިރެކްޓަރ އަދި ޕްރެޒިޑެންޓް ހާން ސިއައޮޖިން އާއި އެކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.