އެއްބަޔަކު ރޭގެ އަލިފާނުގެ ސަބަބުން ފިކުރު ބޮޑުވިއިރު، އަނެއްބަޔަކު ބެލީ އެވަގުތުގެ ބޭނުން ނާޖާއިޒް ގޮތުގަ ހިފާ ވައްކަން ކުރެވޭތޯ!

ކިޔުމަށް ހޭދަވާނީ 59ސ
އެއްބަޔަކު ރޭގެ އަލިފާނުގެ ސަބަބުން ފިކުރު ބޮޑުވިއިރު، އަނެއްބަޔަކު ބެލީ އެވަގުތުގެ ބޭނުން ނާޖާއިޒް ގޮތުގަ ހިފާ ވައްކަން ކުރެވޭތޯ!

ހެންވޭރުގައި ހުރި ކެމިކަލް ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެތާ ކައިރީ ގޭގެއިން މީހުން ހުސްކޮށްފައި ވަނިކޮށް، އެތަނުން ގެއަކަށް ވަގުން ވަދެ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެސަރަޙައްދުގެ ގެއެއްގެ ހަތްވަނަ ފަންގިފިލާއިން 700 ޑޮލަރު (10،794ރުފިޔާ) އާއި އެޕަލް ގަޑިއަކާއި އެއާޕޮޑެއް ވަގަށް ނަގާފައިވާއިރު ހަމަ އެގޭގެ އަށްވަނަ ފަންގިފިލާއިން 37،200 ރުފިޔާ ވެސް ވަގަށް ނަގާފައިވާ ކަމަށެވެ.

ވައްކަމުގެ މިމައްސަލަ ތަހުގީގު ކުރަމުންދާތީ، އެއީ ކޮން ގެއަކުން ކޮށްފައިވާ ވައްކަމެއްކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ރޭ 19:25 ހާއިރު ހިނގި މިއަލިފާނުގެ ހާދިސާގައި ހަތަރު ގުދަނަކާއި ހަތް ގެއެއްގައި އަލިފާން ރޯވެފައިވެއެވެ. އަދި އެތާ ކައިރީ ގެތަކުން މީހުން ހުސް ކުރަމުން ދިޔައިރު، އެސަރަޙައްދުން ރޭގައި ކަރަންޓުވެސް ކަނޑާލާފައިވެއެވެ.

އަލިފާނުގެ އެހާދިސާ ހިނގުމުން މުޅި ރާއްޖޭގެ ގިނަ ބަޔަކަށް ފުން އަސަރުތަކެއްކޮށް، ކުއްލި ސިހުމެއްގައި އަދިވެސް ގިނަ ބަޔަކު ތިބިއިރު، އެފަދަ ވަގުތެއްގެ ނާޖާއިޒް ބޭނުން ހިފައިގެން ބަޔަކު ވައްކަން ކުރުމުން، ގިނަ ބަޔަކު ވަނީ އެކަމާއި ކަންބޮޑުވުމާއި ނުރުހުން ފާޅު ކޮށްފައެވެ.

މިއަދު އޮންލައިން