ޗައިނާއިން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް 200 މިލިއަން ޗައިނީޒް ޔުއާންގެ ދެނީ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ޗައިނާއިން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް 200 މިލިއަން ޗައިނީޒް ޔުއާންގެ ދެނީ!

ޗައިނާއިން ރާއްޖެއަށް 200 މިލިއަން ޗައިނީޒް ޔުއާންގެ ނުވަތަ (434 މިލިއަން ރުފިޔާ) ދިނުމަށް އެއްބަސްވެއްޖެ އެވެ.

ހިލޭ އެހީގެ ގޮތުގައި ޗައިނާއިން މިފައިސާ ދިނުމަށް އެއްބަސްވެފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެތެރޭގައެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ވިދާޅުވީ މިދަތުރު ވަރަށް ކާމިޔާބު ކަމަށެވެ. 

"ޚާރިޖީ ވަޒީރު އަޅުގަނޑަށް ޔަގީންކޮށްދެއްވި ރާއްޖެއާ ޗައިނާގެ ގުޅުމަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމެއްކަށް. ކޮންމެ ސަރުކާރެއް އޮތް ކަމުގައިވިޔަސް ޗައިނާ ސަރުކާރާ ޗައިނާ ރައްޔިތުންގެ އެހީތެރިކަމާ އެއްބާރުލުން ރާއްޖޭގެ ތަރައްގީއަށް ދިވެހި ރައްޔިތުންގެ ތަރައްގީއަށް ކުރާ ކޮންމެ ކަމަކަށް ހިފެހެއްޓުމެއް ނެތި ލިބެމުންދާނެ ކަމަުގެ ޔަގީންކަން ދެއްވި،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެ ދަތުރުގައި، ރާއްޖޭގައި މަޝްރޫއުތައް ހިންގަމުންދާ ކުންފުނިތަކުގެ ބޭފުޅުންނާ ބައްދަލުކުރައްވައި މިހާރު މަޑުޖެހިފައިވާ މަޝްރޫއުތައް އަވަސްކޮށް ދިނުމަށްވެސް އެދި ވަޑައިގެންނެވި ކަމަށެވެ.

މިދިޔަ ހަފްތާގައި ޝާހިދު ޗައިނާއަށް ފެއްޓެވި ރަސްމީ ދަތުރު ނިންމަވާލެއްވީ އިއްޔެ އެވެ. މިހާރު ވެސް ޗައިނާއަކީ ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ އެންމެ ބޮޑު މާކެޓެވެ.

މިއަދު އޮންލައިން