ބޮޑެތި ބާރުތަކެއް ލިބޭނެހެން ޓެރަރިޒަމްގެ ޤާނޫނު ފާސްކޮށްފި!

ކިޔުމަށް ހޭދަވާނީ 1މ 47ސ
ބޮޑެތި ބާރުތަކެއް ލިބޭނެހެން ޓެރަރިޒަމްގެ ޤާނޫނު ފާސްކޮށްފި!

ބޮޑެތި ބާރުތަކެއް ލިބޭނެހެން ޓެރަރިޒަމްގެ ޤާނޫނު މަޖިލީހުން ފާސްކޮށްފިއެވެ.

 

ޓެރަރިޒަމްގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކާއެކު މަޖިލީހުން މިޤާނޫނުގެ ބިލް ފާސްކޮސްފައިވަނީ ދައުރުން ބޭރުގައި މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. މި ޤާނޫނުގެބިލް ފާސްކޮށްފައިވަނީ މަޖިލީހުގެ މިއަދު ޖަލްސާއަށް ވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 52 މެމްބަރުންގެ ވޯޓާއިއެކުއެވެ.

 

ދައުރުން ބޭރުގައި ކުރެވުނު މުހިންމު މަސައްކަތްތަކުގެ ތެރެއިން ޓެރަރިޒަމްގެ ބިލުގެ ކޮމެޓީ މަރުހަލާގެ މަސައްކަތް ނިންމާފައިވަނީ މިދިޔަ ހަފްތާގެ ބްރާސްފަތި ދުވަހުއެވެ. މިބިލަށް މައިގަޑު ގޮތެއްގައި ގެނައި އިސްލާހުތަކުގެ ތެރެއިން އެންމެމުހިންމު އިސްލާޙުތަކުގެގޮތުގައި ހިމެނެނީ ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާމީހުން ކޯޓު އަމުރަކާނުލައި ހައްޔަރުކުރެވޭ ގޮތަށް ޓެރަރިޒަމްގެ ޤާނޫނަށް ބަދަލު ގެނައުމެވެ.

 

ސަރުކާރުން ހުށަހެޅި އިސްލާހުގައި 48 ގަޑިއިރަށް ބަލައި ފާސްކޮށް ހައްޔަރުކުރުމުގެ ހުއްދަ ފުލުހުންނަށް ދޭގޮތަށް އޮތްނަމަވެސް އެހުއްދަ 24 ގަޑިއިރަށް ވަނީ ބަދަލުކޮށްފައެވެ. މީގެ އިތުރުން "ރިޕޯޓިން މެކޭނިޒަމެއް" ޤާއިމްކުރުމަށްވެސް ހަމަޖެހިފައިވާކަމަށާ، ކޮންމެ 6 މަހަކުން 6 މަހަކުން ކަމާބެހޭ ވަޒީރު، ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށާއި ކޮމިޓީއަށް މިރިޕޯޓް ހުށަހަޅަން ޖެހޭގޮތަށް އިސްލާޙު ގެނެސްފައިވެއެވެ.

 

ޓެރަރިޒަމްގެ ބިލަށް ސަރުކާރުގެ ފަރާތުން އިސްލާޙު ހުށަހަޅުއްވާފައިވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ކޮމިޝަނުގެ މަސައްކަތް ފުރިހަމަކުރުމުގައި ޤާނޫނީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށެވެ.

 

މަރުތަކާބެހޭ ކޮމިޝަނުން ބައެއް މަރުތަކުގެ ރިޕޯޓް ނިންމާފައިވާއިރު މައްސަލަތައް ތަޙުޤީގުކުރުމަށް ޤާނޫނީ ގޮންޖެހުންތަކެއް ހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުވެސް ވަނީ ވިދާޅުވެފައެވެ. ރައީސްވަނީ މިމައްސަލަ ޙައްލުކުރެއްވުމަށް ޓެރަރިޒަމްގެ ޤާނޫނުގެ އިތުރުން ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް އިސްލާހު ގެނައުމަށް މިހާރު ނިންމަވާފައިވާކަމަށެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ 3ވަނަ ޖަލްސާ މިއަދު ބާއްވާފައިވާއިރު 19ވަނަ ރައްޔިތުންގެ މަޖިލީހުގެ 2ވަނަ ދައުރުގެ ޖަލްސާތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 3ވަނަ ދުވަހުއެވެ.

މިއަދު އޮންލައިން