"މިސަރުކާރު ނިމި، ދެން އަންނަ ސަރުކާރަކުން މިޤާނޫނުގެ ނާޖާއިޒު ބޭނުން ނުހިފާނެ ކަމުގެ ކިހައިވަރެއްގެ ގަރަންޓީއެއް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ އަށް އެބަ އޮތްތޯ؟ ރައީސް ޔާމީނުގެ ސަރުކާރުގައި މަނިކުފާނަށް ކަން ދިމާވި ގޮތް ހަނދުމަފުޅު އެނަހުރިތޯ؟"
މިއީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ އާއި ކުރައްވާފައިވާ 2 ސުވާލެވެ.
ޑރ. އިޔާޟް މި ދެ ސުވާލު ޝައިޚް އިމްރާން ޢާއި ކުރިމަތި ކުރެއްވީ "ޓެރަރިޒަމް ޤާނޫނަށް ސަރުކާރުން ބޭނުންވި ބަދަލުތައް މަޖިލީހުން ފާސްވުމަކީ ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތުގަ ލިބުނު ކުރިއެރުމެއް ކަމަށާއި މި ޤާނޫނުގެ ނާޖާއިޒު ބޭނުން މިސަރުކާރުން ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން" އަރުވާ ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވުމުންނެވެ.
މިއަދުފާސްކުރި ޓެރަރިޒަމް ހުއްޓުވުމުގެ ޤާނޫނުގައި ބައެއް ކަންކަން ފުރިހަމައަށް ތަފްޞީލުކޮށްފައި ނެތުމުން އެއިރެއްގައި އޮންނަ ސަރުކާރަކުން ބޭނުންވާ ގޮތަކަށް މާނަކޮށް ބޭނުންވާ މީހަކަށް ކިތަންމެ ބޮޑު އަދަބެއްވެސް ދީފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.