ޝުޢައިބް އަބްދުއްރަހުމާނާއިއެކު އެންއައިސީއަށް 4 ނަމެއް!

ކިޔުމަށް ހޭދަވާނީ 1މ 9ސ
ޝުޢައިބް އަބްދުއްރަހުމާނާއިއެކު އެންއައިސީއަށް 4 ނަމެއް!

ނެޝަނަލް އިންޓަރގްރިޓީ ކޮމިޝަނަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އިސްކަންދެއްވި ތަރުތީބުން 4 ބޭފުޅުންގެ ނަން ކޮމިޓީއަށް ފޮނުވައިފިއެވެ.

 

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރުކަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އިސްކަންދެއްވި 4 ބޭފުޅުންގެ ތެރޭގައި ހިމެނެނީ ޝުޢައިބް ޢަބްދުއްރަހުމާނާއި އަޙްމަދު ޖިހާދާއި މަރިޔަމް ޝަހުނީޒާ ނަސީރުގެ އިތުރުން ހައްވާ ލީޝާއެވެ.

 

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުގެ ފުރުޞަތު ހުޅުވާލާފައިވަނީ އެކޮމިޝަނުގެ ރައީސްކަން ކުރެއްވި މެމްބަރު މުޙައްމަދު ފަރުހާދު އިސްތިއުފާ ދެއްވުމުންނެވެ.

 

އެކޮމިޝަނުގެ މެމްބަރުކަމަށް ޢައްޔަންކުރުމަށް ފުރަތަމަ ހުޅުވާލި ފުރުޞަތުގައި 26 މީހަކު ވަނީ ކުރިމަތިލާފައެވެ. ނަމަވެސް މިނަންތައް ރައީސުލް ޖުމްހޫރިއްޔާ ފޮނުވާފައިވަނީ 18ވަނަ ރައްޔިތުންގެ މަޖިލީހަށް ކަމަށްވުމުން އެންއައިސީއަށް އަލުން ކުރިމަތިލާން ހުޅުވާލައި 19ވަނަ މަޖިލީހަށް ހުށަހެޅުއްވުމަށް މަޖިލީހުން ވަނީ ލަފާއަރުވާފައެވެ. މިއާއެކު މިމިޤާމަށް އަލުން ހުޅުވާލީ ޖުލައި މަހުގެ 29ވަނަ ދުވަހުއެވެ.

 

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރުކަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އިސްކަންދެއްވި 4 ނަމާއި އަދި ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށްވަނީ ފޮނުވާފައެވެ.

މިއަދު އޮންލައިން