ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތިން މަޤާމަށް ބޭފުޅުން އައްޔަނުކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ 7ސ
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތިން މަޤާމަށް ބޭފުޅުން އައްޔަނުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާއްމުގެ މަޤާމަށާއި ކައުންސެލް ޖެނެރަލްގެ މަޤާމަށާއި ސަރޖެންޓް އެޓް އާރމްސްގެ މަޤާމަށް ބޭފުޅުން އައްޔަނުކުރައްވައިފިއެވެ.

އަމީން ޢާއްމުގެ މަޤާމަށް އައްޔަނުކުރެއްވީ މިހާރުވެސް އެމަޤާމު އަދާކުރައްވަމުން ގެންދަވާ ހ. ނަސީމީ އަލްއުސްތާޛާ ފާޠިމަތު ނިޔުޝާއެވެ. އެކަމަނާ އަމީން ޢާންމުގެ މަޤާމަށް، އައްޔަނުކުރެއްވުމަށް ފާސްކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާޤުންނެވެ. އަލްއުސްތާޛާ ފާޠިމަތު ނިޔުޝާ އެމަޤާމަށް އެންމެ ފުރަތަމަ އައްޔަނުކުރެއްވީ 9 ޖުލައި 2018 ގައެވެ. އަމީން ޢާންމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން 6 އަހަރު ވަންދެން އަމީން ޢާންމުގެ ނައިބުގެ މަޤާމު އަދާކުރައްވާފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައިވެސް އަމީން ޢާންމު ނެތް ޙާލަތްތަކުގައި އަމީން ޢާންމުގެ މަސްއޫލިއްޔަތު އަދާކުރައްވާފައިވެއެވެ.

ކައުންސެލް ޖެނެރަލްގެ މަޤާމަށް އައްޔަނުކުރެއްވީ، މިހާރުވެސް އެމަޤާމު އަދާކުރައްވަމުން ގެންދަވާ ހ. އަނދުންގޭ އަލްއުސްތާޛާ ފާތިމަތު ފިލްޒާއެވެ. އަލްއުސްތާޛާ ފާޠިމަތު ފިލްޒާ ކައުންސެލް ޖެނެރަލްގެ މަޤާމަށް، އައްޔަނުކުރެއްވުމަށް ފާސްކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާޤުންނެވެ. 18 ޑިސެންބަރު 2011އިން ފެށިގެން އަލްއުސްތާޛާ ފާތިމަތު ފިލްޒާ ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ މަޤާމު އަދާކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރޖެންޓް އެޓް އާރމްސްގެ މަޤާމަށް އައްޔަނުކުރެއްވީ މިހާރުވެސް އެމަޤާމު އަދާކުރައްވަމުން ގެންދަވާ މ. މިޔަލަން އަލްފާޟިލް މުޙައްމަދު ހަލީމްއެވެ. މުޙައްމަދު ހަލީމް އެމަޤާމަށް އައްޔަނުކުރެއްވުމަށް ފާސްކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާޤުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ސަރޖެންޓް އެޓް އާރމްސްގެ މަޤާމަށް މުޙައްމަދު ހަލީމް ފުރަތަމަ ޢައްޔަންކުރެއްވީ 31 އޮކްޓޫބަރު 2013ގައެވެ. އޭގެ ކުރިން އޭނާވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ގިނަ ދުވަހު ޚިދުމަތްކުރައްވާފައެވެ.

2 މާރިޗު 2010 އިން ފެށިގެން ޢަމަލުކުރަމުން ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 12 ވަނަ މާއްދާގެ (ބ) ގައި، އެ ގަވާއިދުގެ ދަށުން، މަޖިލީހުގެ ޢަމީން ޢާންމުގެ މަޤާމަށާއި، ކައުންސެލް ޖެނެރަލްގެ މަޤާމަށާއި، ސާޖަންޓް އެޓް އާމްސްގެ މަޤާމަށް  ޢައްޔަންކޮށްފައިވާ މީހުންނަކީ، މަޤާމުން ވަކިނުކުރާހާހިނދަކު، އެމީހަކު ޢައްޔަންކުރެވޭ މަޖިލީހުގެ ޢުމުރުގެ މުއްދަތަށް ޢައްޔަންކުރެވޭ، އަދި އެ މަޖިލީހާ ވިދިގެން އެކުލަވާލެވޭ މަޖިލީހުގެ އެ މަޤާމަށް މީހަކު ކަނޑައެޅެންދެން އެ މަޤާމުގައި ދެމިހުންނާނެ މީހަކު ކަމުގައި ބަޔާންކޮށްފައިވެއެވެ.

އަދި، މިހާރު ޢަމަލުކުރަމުން ގެންދާ، 26 އޮގަސްޓު 2019 ގައި ފާސްކުރެވުނު މި މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، އެ ގަވާއިދަށް ޢަމަލުކުރަން ފެށުމަށްފަހު ހިނގާ ފުރަތަމަ 2 ދައުރު ނިމުމުގެ ކުރިން، މަޖިލީހުން އެހެންގޮތަކަށް ކަނޑަނާޅާހާހިނދަކު، ހިނގަމުންދާ މަޖިލީހުގެ ޢަމީން ޢާންމުގެ މަޤާމަށާއި، ކައުންސެލް ޖެނެރަލްގެ މަޤާމަށާއި، ސާޖަންޓް އެޓް އާމްސްގެ މަޤާމަށް މީހުން ޢައްޔަންކުރަންވާނެކަމަށެވެ. އަދި، މިހާރު ޢަމަލުކުރަމުންގެންދާ މަޖިލީހުގެ ގަވާއިދުގެ 18 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ، މަޤާމުން ވަކިނުކުރާހާހިނދަކު، ނުވަތަ މަޤާމުން އިސްތިޢުފާނުދޭހާހިނދަކު، ޢަމީން ޢާންމުގެ މަޤާމާއި، ކައުންސެލް ޖެނެރަލްގެ މަޤާމާއި، ސާޖަންޓް އެޓް އާމްސްގެ މަޤާމަށް ޢައްޔަންކޮށްފައިވާ މީހުންނަކީ ދެން އަންނަ މަޖިލީހަކުން ވަކި ގޮތަކަށް ކަނޑަނާޅާހާހިނދަކު އެ މަޤާމުގައި ދެމިހުންނާނެ މީހެކެވެ.

މިއަދު އޮންލައިން