ގަވައިދާ ހިލާފަށް ރާއްޖޭގައި މީހުން ރެކްރޫޓް ކުރުމާއި ހުއްދަ ނެތި ވިޔަފާރި ކުރުމުގައި އުޅުނު ދެ ބިދޭސީއަކު ޑީޕޯޓު ކުރި މައްސަލައިގައި، މޯލްޑިވްސް އިމިގްރޭޝަންގެ ވެރިން ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ހާޒިރު ކުރަން މިއަދު ފާސްކޮށްފި އެވެ.
އިމިގްރޭޝަނުން ޑީޕޯޓްކުރީ ބަންގްލަދޭޝްގެ ޝަފީގުލް އިސްލާމް ނަމަކަށް ކިޔާ މީހަކާއި ހަމަ އެގައުމުގެ އަބޫ ހަނީފް ނަމަކަށް ކިޔާ މީހެކެވެ.
މިދެމީހުން އެނބުރި ގައުމަށް ފޮނުވާލީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން މަދުކުރަން އިމިގްރޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.
މަޖިލިހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ އިމިގްރޭޝަނުން ދެ ބިދޭސީއަކު ޑިޕޯޓު ކުރި މައްސަލަ ކޮމިޓީން ބަލަން ޖެހޭ ކަމަށެވެ. އަދި އިމިގްރޭޝަންގެ ވެރިން ހާޒިރުކޮށް އެކަން ހިނގާފައި އޮތް ގޮތް ބަލަން ޖެހޭ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދެ ބިދޭސީންނަކީ ޖިނާއީ އެތައް ތުހުމަތެއް ކުރެވޭ ދެ މީހުންނެވެ.
އިމިގްރޭޝަންގެ ވެރިން ކޮމިޓީއަށް ހާޒިރު ކުރަން ހުށަހެޅުއްވި ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް އެވެ.
އެމްޕީ އުޝާމް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އެއްވެސް ފިޔަވަޅެއް އަޅަން ޖެހިއްޖެ ނަމަ، ކޮމިޓީން އެޅުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.