ދެފަހަރު ދެގޮތަށް ވާހަކަ ދެއްކޭ ސަބަބު ކީރިތި ޤުރްއާނުން ފެންނަން އެބަ އޮތް ކަމަށް ވިދާޅުވެ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ބަޤަރާ ސޫރަތުގެ 14 ވަނަ އާޔަތް ޓްވީޓްކުރައްވައިފިއެވެ.
"އަދި އީމާން ވި މީހުންނާ އެއުރެން ބައްދަލުވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެން މިތިބީ އީމާން ވެގެންނެވެ. އެއުރެންގެ ޝައިޠޯނުންނާ (އެބަހީ: ދެކޮޅުވެރިކަމާއި ކުފްރުވެރިކަމުގައި އެއުރެންގެތެރެއިން ކުރިއަށް ތިބިމީހުންނާ) އެއުރެން އެއްތަންވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެންވަނީ، ކަށަވަރުންވެސް ތިއަބައިމީހުންނާ އެކުގައެވެ. ހަމަކަށަވަރުން ތިމަންމެންނީ، ފުރައްސާރަކުރާ ބަޔަކީމުއެވެ." (ބަޤަރާ: 14)
ދޮގު ބުނުމާއި ދެފަހަރު ދެގޮތަށް ވާހަކަދެއްކުމަކީ މުނާފިޤުންގެ ސިފައެއް ކަމުގައިވުމުން އެއީ ވަރަށް ބޮޑަށް ބިރުވެތިވެ އެކަމަކުން ސަލާމަތްވާން ޖެހޭނެ ކަމެއްގެ ގޮތުގައި ދީނީ ޢިލްމުވެރިން ގެންދަވަނީ ފާހަގަކުރައްވައި އެކަމަށް ވަޞިއްޔަތް ކުރައްވަމުންނެވެ.