ސޮނީ ސްޕޯޓްސް ފިހާރަ ފަޅާލަން އުޅުނު ބަޔަކު ހައްޔަރު ކޮށްފި!

ކިޔުމަށް ހޭދަވާނީ 1މ 9ސ
ސޮނީ ސްޕޯޓްސް ފިހާރަ ފަޅާލަން އުޅުނު ބަޔަކު ހައްޔަރު ކޮށްފި!

ސޮނީ ސްޕޯޓްސް ފިހާރަ ހުންނަ ގޭ ދޮރު ހަލާކު ކޮށްލައިގެން އެފިހާރައިން ވައްކަން ކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި ގޮތުގައި ސޮނީ ސްޕޯޓްސް ހުންނަ ގޭ ފިހާރައިގެ ދޮރު ހަލާކު ކޮށްލައިގެން އެފިހާރައިން ވައްކަން ކުރަން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ފަތިހު 4:00 ހާއިރެވެ.

އެމައުލޫމާތު ލިބުމާއެކު ފުލުހުން އެތަނަށް ގޮސް، ސޮނީ ސްޕޯޓްސް ފިހާރަ ހުންނަ ގޭ ގްރައުންޑް ފްލޯއިން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެ މީހުންގެ ތެރެއިން އެކަކު ހުރީ ކާކުކަން ނޭނގޭ ގޮތަށް މޫނު ފޮރުވުމަށްޓަކައި ހެލްމެޓް އަޅައިގެން ކަމަށާއި ދެމީހުން ހައްޔަރު ކުރަން އުޅުމުން އެތަނުން އެކަކު ފުލުހެއްގެ ގައިގާ ޖަހާ މާރާމާރީ ހިންގި ކަމަށް ވެސް އޮފިޝަލު މައުލޫމާތު ދެއްވާފައިވެއެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ 18 އަހަރުގެ ދިވެހި ފިރިހެނަކާއި 18 އަހަރުނުވާ "ކުޑަ ކުއްޖެއް" ކަމަށްވެއެވެ.

މީގެއިތުރުން އެދެމީހުން ދުއްވި ސައިކަލު ބަލާ ފާސްކުރިއިރު، ސައިކަލުގެ ނަންބޯޑު ތަކުގައި ޓޭޕު އަޅާފައި ހުރުމުން އިތުރަށް ބަލާފާސް ކުރިއިރު އެއީ ވަގަށް ނަގާފައިވާ ސައިކަލުތަކެއްކަން ފާހަގަކުރެވި، އެސައިކަލު ޓޯ ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މިމައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން