މީސްތަކުންގެ ތެރެއިން ބައެއް މީހުންނަށް ﷲ ތައާލާ ބާރެއް ދެއްވެވުމުން ވެފައިވާ ވައުދުތަކާއި އަހުދުތައް އުވައިލައެވެ. އެފަދަ މީހުންނަށް ﷲ ތަޢާލާ ލަޢްނަތް ލައްވަވައި އެފަދައިން އަމަލުކުރާ މީހުންގެ ހިތްތައް ހަރުކަށި ކުރައްވަވަތެވެ.
ވެރިކަން ލިބުމުން ވެރިކަމަށް އަންނަން މަސައްކަތްކުރި އިރު ވެފައިވާ ވައުދުތައް ހަނދާނެއް ނުހުރެއެވެ. ރައްޔިތުންގެ ފައިސާ އަތަށް އެރުމުން ތެދުވެރިވެ އަމާނާތްތެރިވާން ވީ ވަޢުދު ހަނދާނެއް ނުހުރެއެވެ. ދަރަންޏަށް ފައިސާ ނެގުމަށްފަހު ދަރަނި އަދާކުރަންވީ ވައުދު ހަނދާނެއް ނުހުރެއެވެ.
މިފަދަ މީހުންނަސް ކުރިމަތިވާނެ ހާލަތު ބަޔާންކުރައްވައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ހާމަކުރައްވަވާފައިވަނީ މާއިދާ ސޫރަތުގެ 13 ވަނަ އާޔަތެވެ!
"ދެން އެއުރެންގެ ކަށަވަރުވެގެންވާ ޢަހްދު އެއުރެން އުވައިލުމުގެ ސަބަބުން، ތިމަންރަސްކަލާނގެ އެއުރެންނަށް ލައްނަތް ލެއްވީމެވެ. އަދި އެއުރެންގެ ހިތްތައް ހަރުކަށި ހިތްތަކެއްކަމުގައި ލެއްވީމެވެ. އެއުރެން (ތައުރާތުގައިވާ) ކަލިމަ ފުޅުތައް އޮންނަންވީ ތަންތަނުން ބަދަލުކޮށް އޮޅުވާލައިހަދަތެވެ. އަދި އެއުރެންނަށް ހަނދާންކޮށްދެއްވި ކަންތަކުގެ ތެރެއިން ބައެއް (އެބަހީ: މުޙައްމަދު ގެފާނަށް ތަބަޢަ ވުމަށް ތައުރާތުގައިގައި ކުރައްވާފައިވާ އަމުރުތައް) އެއުރެން ހަނދާން ނައްތައިލިއެވެ. އޭގެތެރެއިން މަދުބައެއްގެ ކިބައިން މެނުވީ، އެއުރެންގެ ތެރެއިން ޚިޔާނާތްތެރިވުން ކަލޭގެފާނަށް އަބަދުވެސް ފެނިވަޑައިގަންނަވާނެތެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު ޢަފޫ ކުރައްވައި، މާފުކުރައްވާށެވެ! ހަމަކަށަވަރުން، އިޙްސާން ތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ." (އަލްމާއިދާ: 13)