ﷲ ތަޢާލާ އެންގެވި ގޮތުގައި ދުނިޔޭގެ ޙަޔާތް ވޭތިކޮށްފިނަމަ ޤިޔާމަތް ދުވަހު ސުވަރުގެ ލިބޭނެ ކަމާއި މަރުވުމުން ކައްވަޅުގައިވެސް ނިޢްމަތްތައް ލިބޭނެކަން އެންމެންނަށްވެސް އެނގެއެވެ. އަދި އެއީ އެންމެ މަތިވެރި ނިޢްމަތްތައްކަންވެސް އެނގެއެވެ. ދާއިމީ އުފާވެރިކަމަކީ އެއީ ކަންވެސް ވަރަށް ރަނގަޅަށް އެނގެއެވެ.
ނަމަވެސް މީސްތަކުންނަށް މިއަދި ޖެހިގެން މިއުޅޭ އެންމެ ބޮޑު މައްސަލައަކީ ދުނިޔޭގައި ހޭދަކުރަން މިޖެހޭ ވަގުތުކޮޅަށް ކެތްތެރި ނުވެވުމެވެ. މަރުވުމާއި ހަމައަށް ކެތްކޮށްނުލެވުމެވެ. މިދުނިޔޭގައިވެސް ތަފާތު އުފާތައް ލިބިގަތުމުގެ ދަހިވެތިކަން ބޮޑުވުމެވެ. ﷲ ތަޢާލާ އަނގަވާފައިވާ ފަދައިން ދުނިޔޭގައި އުޅެ މަރުވުމުން ލިބެންހުރި ނިޢްމަތްތައް އެތައް މިލިއަން މިލިއަން ގުނައަކުން ބޮޑު އިރުކަން ޔަޤީންކުރެވޭއިރުގައިވެސް މެއެވެ.
ދެން މިވާ ގޮތަކަކީ އެދެމެދަށް ޝައިޠާނާ ފުންމައިލަނީއެވެ. ދުނިޔެއިން ލިބެންހުރި އުފާތައް ހުށަހަޅަނީއެވެ. ތަފާތު ކަންކަން ލޮލަށް ދައްކައި ދަހިކުރުވައި ޝައުޤުވެރިކުރުވަނީއެވެ. އިންސާނުންގެ ކެތްތެރިކަން ނެތުމުން ޝައިޠާނާގެ ބަހަށް ހެއްލި ފާފަތައް ކުރެވެނީއެވެ. ކެތްތެރިވުމުން ފަހުން ލިބެން އޮތް މަތިވެރި ނިޢްމަތް ނަގާލައި ނަރަކައަށް އަމިއްލައަށް ވެއްޓިގަންނަނީއެވެ.
މިގޮތަށް މިކަންކަން ހިނގުމަށް އަހަރެން ދޭނެ ނަމަކީ ޝައިޠާނާ އައިސް ތިބާ ކަނުބަނުމެވެ. ޝައިޠާނާއަށް މީހަކު ކަނުބަނދެވިއްޖެ އެވަގުތުން ފެށިގެން އެމީހަކަށް ދެން ފެންނާނީ ޝައިޠާނީ ދެއްކި އެއްޗެކެވެ. އެއްވެސް އެއްޗެއް އަމިއްލައަށް ބެލުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. ރަނގަޅު ގޮތް ވިސްނުމުގެ ފުރުޞަތެއް ވެސް ނުލިބޭނެއެވެ. ހިތާއި ސިކުނޑި ކޮންޓްރޯލްކުރާނީ ޝައިޠާނާއެވެ.
މީސްތަކުންނޭވެ! އަހަރެމެންނަށް ހިތާއި ސިކުނޑި ދެއްވަވައި ވިސްނުމުގެ ބާރު ދެއްވަވާފައި މިވަނީ މިފަދަ ޙާލަތުން ސަލާމަތްވުމަށެވެ. ވަގުތީ އުފަލަކީ ކޮބައިކަމާއި ދާއިމީ އުފަލަކީ ކޮބައިކަން ދެނެގަތުމަށެވެ. ވީމާ ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތުގެ ބޭނުން ފުރިހަމަގޮތުގައި ހިފައި ޝައިޠާނާއަށް ކަނުބަނދެލެވޭ މީހަކަށް ނުވާށެވެ!
- ޝައިޚް ނޫމާން ޢަލީ ޚާންގެ ދަރުސަކުން