ފުރިހަމަ ގޮތުގަ ވަކީލު ކުރުމުގެ އެންމެ ބޮޑު ފައިދާއަކީ އެއްވެސް ކަމެއްގަ މާޔޫސްވާން ނުޖެހުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ފުރިހަމަ ގޮތުގަ ވަކީލު ކުރުމުގެ އެންމެ ބޮޑު ފައިދާއަކީ އެއްވެސް ކަމެއްގަ މާޔޫސްވާން ނުޖެހުމެވެ!

އެންމެ ބާރުގަދަ މީހަކީ އެންމެ ގިނަ ހަތިޔާރު ގެންގުޅޭ މީހާއެއް ނޫނެވެ. އެންމެ ގިނަ ސިފައިންނާއި ބޮޑީގާޑުން ވަށައިގެން ބައިތިއްބައިގެން އުޅޭ މީހާއެއްވެސް ނޫނެވެ. އެނގޭ ހެއްޔެވެ؟ އެއީ އެންމެ ބޮޑެތި ކުށްވެރިންގެ ސިފަތަކެވެ. އެންމެ ބިރުގަންނަ ކުށްވެރިންގެ ސިފަތަކެވެ.  

އެންމެ ބާރުގަދަ މީހަކީ އެއްވެސް މީހަކު ދެކެ ބިރު ނުގަންނަ މީހާއެވެ. ހަމައެކަނި ﷲ ތަޢާލާއަށް ބިރުވެތިވާ މީހާއެވެ! އެހެނީ ﷲ ތަޢާލާ ތިބާ އާއިއެކު ވޮޑިގެންވާނަމަ އެއްވެސް މީހަކަށް ތިބާއަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ. އެއްވެސް ޤައުމެއް އަދި ޖަމާއަތަކަށްވެސް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ.  

މީހާ ހުރީ ޙައްޤު ގޮތުގައި ކަމަށްވާނަމަ އެމީހަކަށް ﷲ ތަޢާލާ އަބަދުވެސް ހިމާޔަތާއި ރައްކައުތެރިކަން ދެއްވަވާނެއެވެ. އެމީހަކަށް ފައިދާ އާއި މަންފާ ލިބޭނެ ގޮތަކަށް ނޫނީ އެއްވެސް މީހަކަށް އެމީހާއަށް ހަމަ އެއްވެސް ކަމެއް ނުކުރެވޭނެއެވެ. 

އެމީހާގެ އެންމެ ގާތް، އެންމެ ލޯބިވާ އަމަލަކީ އަޅުކަންކުރުން ކަމަށް ހަދާށެވެ! ހިތް ސީދާކޮށް އަމަލުތައް ސީދާކުރުން ކަމަށް ހަދާށެވެ! ހިތާއި އަމަލުތައް ސީދާ ކޮށްފި މީހަކު ގޯޅިއެޅުވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. ހަމަ އެއާއިއެކު ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް ވަކީލުކުރާ މީހަކު މާޔޫސްވާކަށް ނުޖެހޭނެއެވެ. 

ވީމާ ފައިސާ ހޭދަކުރަންވީ ހަތިޔާރަށާއި ބޮޑީ ގާޑުންނަކަށް ނޫނެވެ. އިތުރުކުރަންވީ ހެޔޮ އަމަލުތައް ގިނަކުރުމާއި ޞަދަޤާތް ކުރުމެވެ. އެފަދަ މީހުންނަށް ފެންނަ ނަތީޖާ ވަރަށް ތަފާތުވާނެއެވެ. ހީވެސް ނުކުރެވޭހައި އުފާވެރިވާނެއެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން