އަދާކުރަންޖެހޭ ދަރަނި ހެޔޮ ގޮތުގައި އަދާކުރުމަކީ އެންމެ ހެޔޮ މީހުންގެ ތެރޭގައި ހިމެނޭ ކަމެއް!: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
އަދާކުރަންޖެހޭ ދަރަނި ހެޔޮ ގޮތުގައި އަދާކުރުމަކީ އެންމެ ހެޔޮ މީހުންގެ ތެރޭގައި ހިމެނޭ ކަމެއް!: ޙަދީޘް

މިހާރަކަށް އައިސް ދަރަނި ވެފައި އޮންނަނީ ޢާއިލީ ގުޅުމާއި ރަޙްމަތްތެރިކަމުގެ ގުޅުން ކަނޑާއެއްޗަކަށެވެ. އެހެނީ ދަރަންޏަށް އެއްޗެއް ދީފި ނަމަ އަނބުރައި ނުދައްކާތީއެވެ. ދަރަނި ހޯދަން އުޅުނުއިރު އޮތްގުޅުން، ދަރަނި ލިބުމަށްފަހު ނުބާއްވާތީއެވެ. ދަރަނި އަދާކުރަން ޖެހޭ މުއްދަތު އައުމުން ލޮލަށްވެސް ނުފެންނާތީއެވެ. ފޯނަށް ޖަވާބުވެސް ނުދޭތީއެވެ.  

މިފަދައިން އަމަލުތައް ކުރާއިރު އާޚީރަތް ދުވަހުން ދަރަނި ނުދައްކައި ސަލާމަތް ނުވެވޭނެކަން އެންމެންނަށްވެސް އެނގެއެވެ. އަދި އެދުވަހު ދަރަނި އަދާކުރަން ޖެހޭނީ ދުނިޔޭގައި ހުރެ ތިމާ ކުޅަ ހެޔޮ އަމަލުތަކުންކަން އެނގުމާއިވެސް އެކުގައެވެ. ދަރަނި އަދާކުރާނެ ހެޔޮ އަމަލު އަތުގައި ނެތް ނަމަ، އެމީހަކު ދަރައި އޮތް މީހަކު ކޮށްފައިވާ ފާފަތަކުން ޙަވާލުވާން ޖެހޭކަންވެސް އެނގުމާއިއެކުގައެވެ.  

ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ.  

"ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮމީހުންގެ ތެރޭގައި، (ދަރަނި)ދެއްކުމުގައި އެންމެ ހެޔޮގޮތުގައި އެދައްކާމީހާއެވެ." 

(އެންމެ ހެޔޮކަން ބޮޑު މީހާ ކަމުގައި ރަސޫލް (ޞޢވ) ވަނީ 8 މީހަކު ޙަދީޘްފުޅު ކުރައްވަވައިފައެވެ. އެއިގެ ތެރެއިން އެކަކީ ދަރަނި ދެއްކުމުގައި އެންމެ ހެޔޮ ގޮތުގައި އެ ދައްކާ މީހާއެވެ.  

ވީމާ އެންމެ ހެޔޮކަންބޮޑުވެގެންވާ މީހުންގެ ތެރޭގައި ހިމެނުމަށްޓަކައިވެސް ދަރަނި އަދާކުރަން ސަމާލުކަން ދޭން އެބަ ޖެހެއެވެ. އެންމެ ހެޔޮ ގޮތުގައި ދަރަނި އަދާކުރުމަށް ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި:  

1 ތިމާގެ ކިބައިގައި ތަނަވަސްކަން ހުރި ނަމަ މުއްދަތުގެ ކުރިންވެސް އަދާކުރުން

2 މުއްދަތު ހަމަވެގެން ދަރަނި ދިން މީހާއަށް ހޯދަން ނުޖައްސައި މުއްދަތުގައި އަދާކުރުން

3 މުއްދަތު ހަމަވާއިރު ދެއްކެން ނެތް ނަމަ ވެސް ދަރަނި ދިން މީހާއާއި އަމިއްލައަށް ބައްދަލުކޮށް ޙާލަތު ބަޔާންކޮށް މަޝްވަރާކޮށް މުއްދަތު އިތުރުކުރަން މަސައްކަތްކުރުން ފަދަ ކަންކަން ހިމެނެއެވެ.

މިއަދު އޮންލައިން