ތަނަވަސްކަން އިތުރުވާން ބޭނުން ހެއްޔެވެ؟ ލިބޭ މިންވަރަކުން ޢާއިލާގެ ބޭނުންތައް ފުއްދައިދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ތަނަވަސްކަން އިތުރުވާން ބޭނުން ހެއްޔެވެ؟ ލިބޭ މިންވަރަކުން ޢާއިލާގެ ބޭނުންތައް ފުއްދައިދޭށެވެ!

ދެމަފިރިއަކު ރަނގަޅު ގޮތުގައި ދިރިއުޅެން މަސައްކަތްކުރާނަމަ ދެމެދަށް ވަންނަން ޝައިޠާނާ އެންމެ ގިނައިން ކުރާނެ އެއް ކަމަކީ މާޒީ ހަނދާންކޮށްދިނުމެވެ. "ފިރިމީހާ މިވެނި ދުވަހަކު މިވެނި ކަމެއް ކުރި. މިވެނި ބަހެއް ބުނި. އެދުނު މިވެނި ކަމެއް ކޮށެއް ނުދޭ." ހަމަ އެފަދައިން "އަނބީމާ މިވެނި ދުވަހަކު މިވެނި ކަމެއް ކުރި. މިވެނި ބަހެއް ބުނި. އެދުނު މިވެނި ކަމެއް ކޮށެއް ނުދޭ." ކަން ވަރަށް ގިނައިން ހަނދާނަށް ގެނުވާނެއެވެ. 

މީސްތަކުންނޭވެ! ޙަޔާތުގެ ކޮންމެ ދުވަހަކީވެސް ތަފާތު ކަންތައްތަކެއް ކުރިމަތިވާނެ ދުވަހެކެވެ. ތަފާތު އަޑުތައް ވެސް އިވޭނެއެވެ. ނަމަވެސް އެ ހުރިހާ ކަންކަން ގޯންޏަކަށް އަޅައިގެން ކޮނޑުގައި އުފުލަން ނުއުޅޭށެވެ. އަނެކާ ކޮށް ނުދޭ ކަންކަމަށް ނުވިސްނާށެވެ! ކޮށްދީފައިވާ ކަންތައްތަކަށް ވިސްނާށެވެ! ހިތްހަމަ ނުޖެހޭ ގޮތަށް ބުނެފައިވާ ބަސްތަކަށް ނުވިސްނާށެވެ! ހިތް ހަމަޖެހޭ ގޮތަށް ބުނެފައިވާ ބަސްތަކަށް ވިސްނާށެވެ! 

ކޮށް ނުދެވި އޮތް ކަމަކާއިމެދު ކިތަންމެ ވަރަކަށް ވިސްނި ނަމަވެސް އެކަން އޮންނާނީ އެއިރު ކޮށް ނުދެވުނު ކަމެއްގެ ގޮތުގައެވެ. އެކަން ބަދަލެއް ނުވާނެއެވެ. ބުނެފައިވާ ކޮންމެ ބަހެއް އޮންނާނީ ބުނެވިފައެވެ. ބުނި ބަހުގެ އަޑު ނުއިވޭ ކަމަކަށް ނުހެދޭނެއެވެ. އެކަންކަމުގައި ބަގުޑި ބެއްދުމަކީ އަމިއްލައަށް ކައްވަޅު ކޮނުން ފަދަ ކަމެކެވެ.   

ހަމަ އެއާއިއެކު ދެމަފިރިންވެސް ވިސްނަންވާނެއެވެ! އެކަކު އެދޭކަންކަން ވީހައި އަވަހަކަށް ކޮށްދިނުމަށެވެ. ފަރުވާކުޑަކޮށް ހަނދާން ނައްތައިނުލުމަށެވެ. ކޮށްނުދީ ލަސްކުރެވޭނަމަ ހަނދާން ނެތުންވެސް އޮންނާނީ ދާދި ގާތުގައެވެ. ވީމާ އެ ފުރުޞަތު ނުދޭށެވެ! ހަމައެއާއިއެކު ކިތަންމެ ހިތްހަމަ ނުޖެހޭ ކަމެއް މެދުވެރިވި ނަމަވެސް އަނެކާގެ ހިތުގައި ޖެހޭފަދަ ބަސްތައް ނުބުނާށެވެ! ހިތްހަމަ ނުޖެހިއްޖެނަމަ އެކަން އޯގާތެރިކަމާއިއެކު ހާމަކުރާށެވެ! 

ރަނގަޅަށް ވިސްނައި ކޮޅުކޮޅު ބަލާށެވެ! ރައްޓެހިންގެ ދިރިއުޅުމުން ވެސް ބަލާށެވެ! އޯގާތެރިކަމާއިއެކު އަމަލުކޮށް މުޢާމަލާތުކުރާ ދެމަފިރިން ތިބޭނީ މާއުފަލުގައެވެ. ދިރިއުޅޭނީ މާ ލޯބިންނެވެ. ލިބޭ މިންވަރަކުން ޢާއިލާގެ ބޭނުންތައް ފުއްދައިދިނުމަށް ސަމާލުކަން ދޭ ޢާއިލާތަކުގެ ތަނަވަސްކަން އިތުރުވާނެއެވެ. އެއީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ އެމީހުންނަށް ﷲ ތަޢާލާގެ ރަޙްމަތްފުޅު އިތުރުވާތީއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން